ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ސިޔާސީ މަގާމުތަކޭ ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ގޮތަކަށް ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ. ސިޔާސީ މަގާމެއްދޭ ކޮންމެ ރައްޔިތަކީ ވެސް އެއީ ދިވެހި ރައްޔިތެއް ކަމަށާއި، އެއީ ބަންގްލަދޭޝް ނޫނީ އިންޑިއާ ނޫނީ އެހެން ގައުމެއްގެ މީހެއް ނޫންކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެންމެ ނިކަމެތި މީހާ ވެސް ރަނގަޅަށް ދިރިއުޅެން ބޭނުންވާނެ ކަމަށާއި ސަރުކާރުގެ މަގުސަދަކީ ކުންފުނިތަކުގައި ވަޒީފާތައް އުފައްދައިގެން ނަމަވެސް މި ފަސް އަހަރު ނިމޭއިރު ވަޒީފާ ބޭނުންވާ ހުރިހާ އެންމެންނަށް ވަޒީފާ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ސަރުކާރު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމުތައް 700 ގައި ހިފަހައްޓާނެ ކަމަށް ބުނަމުންނެވެ.
ސަލީމް ވިދާޅުވީ، އިތުރު ވަޒީފާތައް އުފައްދައިގެން ނަމަވެސް އިތުރު ވަޒީފާތައް އެ ބޭނުންވާ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާނެ ކަމަށެވެ. އެގޮތުން މި ފަސް އަހަރުތެރޭ ވަޒީފާ ބޭނުންވާ މީހުންނަށް ވަޒީފާ ނުލިބި ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ސަލީމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުއަކީ ގައުމާއި ރައްޔިތުން ދެކެ ލޯބިވާ ވެރިޔެއް ކަމަށެވެ. އެމަނިކުފާނަކީ ދީނަށް ލޯބިކުރާ އިޚުލާސްތެރިއެއް ވެރިއެއްކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ ދީން ދެކެ ލޯބިނުވާ ބޭފުޅަކު ގައުމު ދެކެވެސް ލޯބި ނުވާނެ ކަމަށެވެ.