ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތައް ބޮޑު ކުރުމަށާއި އިންޝުއަރެންސަށް ފަނޑިޔާރުން އަމިއްލައަށް ދައްކަންޖެހޭ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހަމަޖެއްސައިދިނުމަށް މަޖިލީހުގައި އެދުނީ ޖޭއެސްސީންނެވެ.
ބަދަލު ގެންނަ އެދުނު ގޮތް
- ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 14،500 ރުފިޔާއިން 18،500
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 12،000 ރުފިޔާއިން 16،750 ރުފިޔާއަށް
- މެޖިސްޓްރޭޓުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 9،000 ރުފިޔާއިން 14،000 ރުފިޔާއަށް
މި މައްސަލާގައި ވާހަކަ ދައްކަމުން ކޮމެޓީ މެމްބަރުން ފާހަގަކުރީ މި ބަދަލާއެކު ސަރުކާރުން އިތުރަށް ފަސް މިލިއަން ހޭދަކުރަންޖެހޭކަމަށެވެ. އެހެންކަމުން ސަރުކާރުން ހަރަދު ކުޑަކުރުމަށް މައްސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިކަން ކުރަން މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ
ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުނުކުރަން ނިންމީ ކޮމެޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމެޓީން މި ގޮތަށް ނިންމާފައިވަނީ ފަނޑިޔާރުން ބޮޑު މުސާރަ ނަގައިގެން ކުރާ މަސައްކަތެއް ނެތް ކަމަށް އެ ކޮމެޓީގެެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ދާދި ފަހުން ޕީއެންސީ ހަރުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނިކޮށެވެ.