ރައްޔިތުން މަޖލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ވިދާޅުވީ އެ ކުންފުނިން 2022 ވަނަ އަހަރު 66 މިލިއަން ރުފިޔާ އާއި 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާ އެކު ފަރާތްތަކަށް ދޫކޮށްފައި ވީނަމަވެސް އޭގެ އެއްވެސް ލިޔެކިޔުމެއް ފެންނަންނެތްކަމަށެވެ.
އަދި ފައިސާ ދޫކުރިކަން އެނގެނީ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްތަކަށް ބެލުމުންކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި އެ ފައިސާ ދޫކޮށްފައިވާ ގޮތަށް ބަލާއިރު އެއީ ވަކި ކުންފުނިތަކަކަށް އެކަނި ދޫކޮށްފައިވާ ފައިސާކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މިދިޔަ އަހަރު ނޮވެމްބަރުމަހުވެސް ފިނޭންސް މިނިސްޓްރީން އާރްޑީސީއަށް 90 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަހުގެ މެދު ތެރޭގައި އާ ސަރުކާރު ހަވާލުވިއިރު އެ ކުންފުނީގެ އެކައުންޓުގައި ހުރީ އެންމެ ހަތަރު މިލިއަން ރުފިޔާކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
މި ފައިސާތައް ދޫކޮށްފައިވަނީ ކޮން ބަޔަކަށްތޯ އަދި މިކަމުގައި ބައިވެރިވީ ކޮން ބައެއްތޯ ސާފުކޮށްދިނުމަށް މެމްބަރުން އެދުމުން ޒުހައިރު ވިދާޅުވީ އެ މައްސަލަ އެކި އިދާރާތަކުން ތަހުގީގުކުރަމުން ދާތީ އެ މައުލޫމާތުތައް ހިއްސާކުރެވެން ނެތްކަމަށެވެ.
ޒުހައިރު ވިދާޅުވީ އާރުޑީސީގެ ފައިނޭންސް ހެޑާއި ޕްރޮކިއުމެންޓް ހެށް މިހާރު މަގާމުން ވަކިކޮށްފައިވާކަމަށެވެ. އަދި ތަނުގެ އޮޑިޓެއް ހަދަމުން އަންނަކަމަށާއި އޮޑިޓް ލަސްވަނީ ތަހުގީގަށް ގިނަ ލިޔެކިޔުންތަކެއް ފުލުހުން ގެންގޮސްފައި ވުމުންކަމަށެވެ. އެހެންނަނަމަވެސް ބައެއް ލިޔުންތައް މީހާރު ލިބިފައިވާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.
މިދިޔަ ސަރުކާރުގައި އާރުޑީސީން ހިންގިކަމަށް ބުނާ 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް ފުލުހުން ވަނީ މިދިޔަ މާރިޗުމަހު ބުނެފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާފާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އާރުޑީސީގެ މައްސަލަ ބެލިވަރަކަށް ފެންނާނީ ކުރީ ސަރުކާރުގެ ވެރިންގެ އަމާނަތްތެރިކަންކަމަށް އެކުންފުނީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) ވަނީ ވިދާޅުވެފައެވެ.