ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަވުން ވިދާޅުވީ، އެކިގޮތްގޮތުން މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ޖޫރިމަނާތައްވެސް ހިމެނޭހެން ޓެކުހުގެ ގޮތުގައި އެކަނިވެސް 7.7 ބިލިޔަން ރުފިޔާ ނުލިބިވާކަމަށެވެ. އަދި ނޮން-ޓެކްސްގެ ގޮތުގައި އިމާރާތާއި ބިމު ކުލީގެގޮތުގައިވެސް 7.8 ބިލިޔަން ރުފިޔާ ނުލިބިވާކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ، މިހާ ބޮޑު އަދަދެއް މީރާއަށް ނުލިބިއޮތް މައިގަނޑު ސަބަބަކީ ކޮވިޑް-19އާއެކު މާލީގޮތުން ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުންތައްކަމަށެވެ. އަދި އޭރު އަމަލުކުރަމުންދިޔަ ބައެއް އެންފޯސްމަންޓް ފިޔަވަޅުތައް މަޑުޖައްސާލި ޖައްސާލުންކަމަށެވެ.
ޒަރީރު ވިދާޅުވީ، މިގޮތަށް ނުލިބި ހުރި ފައިސާތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ކުންފުނިތަކާއި، ގުޅުންހުރި އިދާރާތަކުން ދައްކަންޖެހޭ ފައިސާވެސް އެބަހުރިކަމަށެވެ. އަދި މިގޮތަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު އެއް އުސޫލަކުން އަމަލުކުރެވޭނެ ގޮތްތަކެއް މާލީ ވުޒާރާއާގުޅިގެން ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އަތްނުލައި ހުރި ވަރަށް ގިނަ ކަންކަމުގައި އަތްލާން އެބަޖެހޭ ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އެ ސަރުކާރުތަކުން ފަސޭހަގޮތް ހިޔާރު ކޮށްފައި އެބަހުރި ކަމަށެވެ.
އެއްކަމަށް ރައީސް ފާހަގަކުރެއްވީ ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި މިދިޔަ ސަރުކާރުތަކުން ދޫކޮށްލާފައިވުމެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކުރީގެ ސަރުކާރުތަކުގައި ނުހޯދައި އެބަހުއްޓެވެ.
މީރާގެ ޓެކްސް ކަލެކްޝަންގެ އުސޫލުތަކަށް މި ގެނެވޭ ބަދަލުތަކާއެކުވެސް ވިސްނުން ބޮޑަށްހުރީ މިގޮތަށް ފައިސާ ނުދައްކާތިބި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވުރެ، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަރާތްތަކަށް ދެވެންހުރި ލުއިތައް ދީ އެފަރާތްތަކާ ގުޅިގެން މި ފައިސާ ހޯދުންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވަނީ ވިދާޅުވެފަ އެވެ.