ads
ފުވައްމުލައް ރިންގް ރޯޑް--
ފުވައްމުލަކު ރިންގް ރޯޑުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ
ޏ. ފުވައްމުލަކުގެ ރިންގު ރޯޑުގައި ތާރު އެޅުމުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

އެރަށު ރިންގު ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ފަށާފައިވާއިރު އެމަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. 

32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެރަށު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށުގެ މަގުތަކުގައި އަޑިގުޑުންތައް ގިނަވެ އާންމުން ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. 

އެމްޓީސީސީން މިއަދު ބުނީ، ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށާއި އެގޮތުން 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ފުވައްމުލަކުގެ ރިންގް ރޯޑުގެ 20،650 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީ ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެމްޓީސީސީން އިތުރަށް ބުނީ މިހާރު ކުރެވެމުންދަނީ މަގުގެ ދެ ފަރާތުގައި 10،325 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް އެޅުމުގެ މަސައްކަތް ކަމަށެވެ. 

މިދިޔަ މާޗު މަހުގެ 27ގައި އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ޑިޒައިނިންއަށް ބަދަލު ގެނެސްގެން އެމްޓީސީސީން އެމަސައްކަތް ފަށައި ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭނުންކޮށްގެން ބޭސްކޯސް ހެދުމުގެ މަސައްކަތް ކުރި އެވެ.

އެގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ އެފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫއުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށްވެސް ކުރިން އެކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް