ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހު ދަތުރުފުޅު ފެށްޓެވުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި މިރޭ ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި އޭނާ ވިދާޅުވީ ޔޫޕީއައިގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޔޫޕީއައިގެ ހިދުމަތް ފެށުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައިވަނީ ސޮއިކޮށްފަ އެވެ.
އެކަމާ ގުޅުވައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ.
އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމަންޓުތައް ހިނގަނީ އިންޑިއާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް ވެސް އިފްތިތާހު ކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލޭގެ އަދި ދެކުނުން އައްޑޫ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.