
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ގާޒާގައި ހުންނަ "ތަބްއިން" ސްކޫލަށް އިޒްރޭލުން އިއްޔެ ދިން ބޮމުގެ ހަމަލާ ކުށްވެރިކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.
ރައީސް ޑރ. މުިއއްޒު ވިދާޅުވީ ގަޒާގެ އިތުރު ސްކޫލަށް އަމާޒުކޮށް އިޒްރާއީލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި "ތަބްއިން" ސްކޫލްގައި ހިމާޔަތް ހޯދަމުންދިޔަ މީހުން މި ހަމަލާގައި ޝަހީދުވެ އަންހެންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޒަހަމްވެފައިވާތަން އާއްމުވި ހިތްދަތި ފޮޓޯތަކުން ފެންނަކަމަށެވެ.
ރައީސް މުއިއްޒު ވަނީ ހަނގުރާމަ ހުއްޓާލުމަށް އިޒްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވާ ފަލަސްތީނުގެ އާއްމު ހިމާޔަތްކޮށް އިޒްރާއީލު ޖަވާބުދާރީކުރުވާ ފިޔަވަޅު އެޅުމަށް ދުނިޔެއަށް ގޮވާލައްވާފައެވެ.
ފަލަސްތީނުގެ ގާޒާގައި ހުންނަ "ތަބްއިން" ސްކޫލަށް އިޒްރޭލުން މިއަދު ދިން ބޮމުގެ ހަމަލާ ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން ޝަހީދުވި އެއް ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެހީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.
ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު މީގެ ކުރިން ވެސް ބުނާ ގޮތަށް އިޒްރޭލުން މިފަހަރު ވެސް ބުނީ އެ ތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށެވެ. އެކަމަކު ހަމާސް އިން އަބަދުވެސް ބުނަމުންދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުން އުޅޭ އެހެން ތަންތަން އަސްކަރީ ކަންކަމަށް ބޭނުން ނުކުރާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލުމަށް އަމާޒުކޮށް ދެމުން އަންނަ ލައިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 39،600 ވުރެ މައްޗަށް އަރާފައެވެ. އަދި އޭގެތެރޭގައި 16،000 ވުރެ ގިނަ މައުސޫމް ކުޑަކުދިން ހިމެނެއެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވި މީހުން އަދަދު އެއްލަކާއި ގާތްކުރާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ އަދަދުވެސް 10 ހާހުން މައްޗަށް އަރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.