މި އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަން ފަހަނައަޅައި ވަނީ ގޮސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 9.7 އިންސައްތައިގެ ކުރި އެރުމެކެވެ.
އަހަރު ދެބައިވިއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އޮތީ ޗައިނާ އެވެ. އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 164،000 އެވެ. ދެވަނައިގައި ރަޝިޔާ އޮތް އިރު، އިނގިރޭސިވިލާތް އޮތީ ތިންވަނައިގަ އެވެ. މިލިސްޓުގެ ހަތަރުވަނައިގައި 85،661 ފަތުރުވެރިންނާއެކު އޮތީ އިޓަލީ އެވެ.
ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އަވައްޓެރި އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. މިއަހަރުގެ މިހައިތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 70،753 މީހުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމާއެކީ، 2026 ގެ ނިޔަލަށް ތިން މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ.
ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް ދަށްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކެއްގައި ނަމަވެސް މިހާރު ދެ ގައުމުން ވެސް އަންނަނީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއަަށް އެކި ކަންކަމުގައި މިފަހުން އިންޑިއާ އިން އަންނަނީ ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ.
ފައިސަލް ވިދާޅުވީ މިއަހަރުގެ ހައި ސީޒަނާއި ދިމާކޮށް ސެޕްޓެމްބަރުމަހުން ފެށިގެން ހަފްތާއަކު 21 ފްލައިޓް ރާއްޖެއަށް ބޭއްވުމަށް އިންޑިއާގެ އެއާލައިނެއްކަމަށްވާ ވިސްޓާރާއިން ނިންމާފައިވާކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް މިހާރުވެސް 2 އެއަރލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އެއީ އިންޑިގޯ އެއާލައިންސާއި، ވިސްޓަރާއެވެ. މީގެއިތުރުން ރާއްޖޭގެ 2 އެއާލައިނަކުންވެސް އަންނަނީ އިންޑިއާއަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި މަންޓާ އެއާލައިނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެވްރޭޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،000 އެއްހާ ފަތުރުވެރިން މިހާރު އާދެ އެވެ.
މިވަގުތު ރާއްޖޭގައި 182 ރިސޯޓެއް ހިންގަމުންދާއިރު 14 ހޮޓަލަކާއި، 867 ގެސްޓްހައުސް އެއް އޮޕަރޭޓް ކުރެ އެވެ. އަދި 152 ސަފާރީ އުޅަނދު ފަތުރުވެރިކަމުގައި ބޭނުންކުރެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އިންޑިއާ އަށް އަމާޒުކޮށްގެން މި މަސައްކަތް ކުރެވިއްޖެނަމަ މި އަމާޒު ހާސިލްކުރުމަށް ފަސޭހަވާނެ ކަަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ.