ސަރުކާރުގެ ފަރާތުން ފޮރިން އިންވެސްޓްމަންޓް ބިލު މަޖިލީހަށް ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގުއެވެ. މަޖލީހުގެ ތަޅުމުގައި މާބޮޑު ބަހުސެއް ނެތި މި ބިލު ދިރާސާކުރަން މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބިލު ހުށައެޅުނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިގްތިސާދާއި ބެހޭ ވަޒީރު ވިދާޅުވީ ރައީސް ޑރ މުއިއްޒުވަނީ 45 އަހަރުވެފައިވާ ފޮރިން އިންވެސްޓްމަން ގާނޫނަށް ބޮޑެތި މުހިއްމު އިސްލާހުތަކެއް ގެންނަން ނިންމަވާފައިކަމަށެވެ.
މިބިލާއިއެކު ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ޒަމާނީކޮށް ރިފޯމްކުރުމަށް ރައީސްޑރ މުޢިއްޒު ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތުން ރާއްޖެ ދުނިޔޭގެ ވާދަވެރި މާހައުލުން ޖާގަ ހޯދުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.
ފޮރިން އިންވެސްޓްމަންޓުގެ ބިލަކީ މިދިޔަ 19 ވަނަ ރައްޔިތުން މަޖިލީހުގައި އެމްޑީީޕީގެ ފަރާތުންވެސް މަޖިލިހަށް ހުށައެޅި ބިލެކެވެ. އެހެންނަމަވެސް ފަހުން ވަނީ ނަގާފައެވެ. މި ސަރުކާރުން މި ބިލް އަލުން މަޖިލިހަށް ހުށައަޅާފައި މިވަނީ މާބޮޑތި ބަދަލުތަކެއް ނުގެންނެސް ކުރިންވެސް އޮއްތޮތަށެވެ.
ފޮރިން އިންވެސްޓްމަންޓް ބިލަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ. އަދި އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.