ads
އެމްޕޮކްސް ބަލި ފޮޓޯ: ފަސްޓް ޕޯސްޓް.ކޮމް
އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް: ޑަބްލިއުއެޗްއޯ
ހަލުވުކަމާއެކު ފެތުރެމުންދާ އެމްޕޮކްސް ބަލިމަޑުކަމަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ޑަބްލިއުއެޗްއޯ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އިއުލާން ކުރައްވައިފި އެވެ.
Advertisement

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ގިނަ ގައުމުތަކުގައި އެމްޕޮކް ބަލި އިތުރުވުގެންދިޔުމަކީ ބައިނަލްއަގްވާމީ ސިއްހީ ގަވާއިދުގެ ދަށުން، ބައިނަލްއަގްވާމީ ކަންބޮޑުވުމެއް އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑރ ޓެޑްރޯސް އިއުލާނުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ޓެޑްރޯސް މިހެން އިއުލާން ކުރައްވާފައި މިވަނީ ޑަބްލިޔުއެޗްއޯ އާއި އެ ބަލިން އަސަރުކުރި ގައުމުތަކުގެ ތަޖުރިބާކާރުން ހުށަހެޅި މައުލޫމާތު މުރާޖައާ ކުރުމަށް މީގެ ކުރިން ބައްދަލުކުރި މިނިވަން ތަޖުރިބާކާރުން (އައިއެޗްއާރު އިމަޖެންސީ ކޮމިޓީ)ގެ ލަފާގެ މަތިންކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

"ކޮމިޓީން ޑިރެކްޓަރު ޖެނެރަލްއަށް އަންގާފައި ވަނީ އެމްޕޮކްސް ފެތުރިގެން ދިއުމަކީ ފަބްލިކް ހެލްތް އިމާޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) ނުވަތަ ބައިނަލްއަގްވާމީ ކަންބޮޑުވުމެއް އޮތް އާންމު ސިއްހަތުގެ ކުއްލި ހާލަތެއް ގޮތުގައި ދެކޭ ކަމަށް. އަދި އެފްރިކާ ސަރަހައްދުން ބޭރުގައި ވެސް އިތުރަށް ފެތުރިދާނެ ކަމަށް" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

އެމްޕޮކްސް އަކީ ބައިނަލްއަގްވާމީ ކަންބޮޑުވުމެއް އޮތް އާންމު ސިއްހަތުގެ ކުއްލި ހާލަތެއް ކަމަށް އިއުލާންކުރައްވަމުން ޑރ.ޓެޑްރޯސް ވިދާޅުވީ އެމްޕޮކްސް ފެތުރުމަާއި އިރުމަތީ ކޮންގޯގައި ހަލުވިކަމާއެކު އެ ބަލި ފެތުރިގެން ދިއުން އަދި އަވަށްޓެރި ބައެއް ގައުމުތަކުގައި ކޭސްތައް ރިޕޯޓް ކުރެވިގެން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި ކޮންގޯއާއި އެފްރިކާގެ އެހެން ގައުމުތަކުގައި އެމްޕޮކްސް ގެ ތަފާތު ވައްތަރުތައް ފެތުރިގެން ދާއިރު، އެ ބަލިމަޑުކަން ހުއްޓުވައި، ފުރާނަ ސަލާމަތްކުރުމަށް ބައިނަލްއަގްވާމީ ގޮތުން މިވަގުތު ކޯޑިނޭޓްޑް ރެސްޕޮންސްއެއް ބޭނުންވާކަން ސާފުވެއްޖެކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

އެފްރިކާ ސަރަހައްދަށް ކަަނޑައަޅާފައިވާ ޑަބްލިއު އެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ޑރ.މަޓްޝިޑީސޯ މޮއެޓީ ވިދާޅުވީ މިހާރުވެސް ޖަމިއްޔާތަކާއި، ސަރުކާރުތައް ގާތުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އެ ސަރަހައްދުގެ ޓީމުތަކުން ފްރަންޓްލައިންގައި މަސައްކަތް ކުރަމުން އެ ދަނީ އެމްޕޮކްސް ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެހީތެރިވެދިނުމަށްކަމަށް ޑރ.މަޓްޝިޑީސޯ ވިދާޅުވި އެވެ.

"ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވަމުންދާއިރު، އަޅުގަނޑުމެން މިދަނީ ކޯޑިނޭޓްޑް ބައިނަލްއަގަވާމީ ފިޔަވަޅުތަކެއް އަޅައިގެން، ގައުމުތަކުން ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އެހީތެރިވުމަށް އިތުރަށް ސްކޭލް އަޕް ކުރަމުން" ޑރ. މަޓްޝިޑީސޯ ވިދާޅުވި އެވެ.

އައިއެޗްއާރު އިމަޖެންސީ ކޮމިޓީގެ ޗެއާ ޕްރޮފެސާ ޑިމީ އޮގޮއިނާ ވިދާޅުވީ އެފްރިކާގެ ބައެއް ހިސާބުތަކުގައި މިހާރު އެމްޕޮކްސް އިތުރުވުމާއި އެކު ޖިންސީ ގޮތުން ފެތުރޭ "މަންކީ ޕޮކްސް" ގެ ވެސް އާ ވައްތަރެއް ފެތުރިގެން ދިއުމަކީ ހަމައެކަނި އެފްރިކާއަށް ހުރި ކުއްލި ހާލަތެއް ނޫންކަމަށާއި އެއީ މުޅި ދުނިޔެއަށް ވެސް ހުރި ކުއްލި ހާލަތެއްކަމަށެވެ. އަދި އެމްޕޮކްސް އަކީ އެފްރިކާގައި އުފެދުނު ބައްޔެއް ކަމަަށްވާއިރު އެއިރު ފަރުވާކުޑަވެ އަޅާނުލެވުމުގެ ސަބަބުން ފަހުން 2022 ވަނަ އަހަރު މުޅި ދުނިޔެއަށް ބަލި ފެތުރުން ކަމަށް ފާހަގަކޮށް ކޮމިޓީގެ ޗެއާ ޕްރޮފެސާ ވިދާޅުވީ މިވަގުތަކީ ތާރީހު ތަކުރާރު ނުވާނެ ގޮތަށް މަސައްކަތްކުރަން ޖެހޭ ހާލަތެއްކަަމަށެވެ.

ޖުލައި 2022 ގައި އެކި ގައުމުތަކުގައި އެމްޕޮކްސް ފެތުރެމުން ދިޔައެވެ. އަދި ކުރިން ނުފެންނަ ގައުމުތަކުގައި ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން އެމްޕޮކް ހަލުވިކަމާއެކު ފެތުރިފައިވާތީ އެއިރު ކުއްލި ހާލަތެއްގޮތުގައި އިއުލާންކުރިއެވެ. އަދި ފަހުން ކޭސްތައް މަދުވާން ފެށުމުން މިދިޔަ އަހަރުގެ މެއި މަހު އެ ކުއްލި ހާލަތް ނިމުމަކަަށް ގެނައެވެ.

މިހާރު އެމްޕޮކްސްއަށް އަށް ބޭނުންކުރާ ދެ ވެކްސިނަކީ ޑަބްލިޔުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން އިން ލަފާދީފައިވާ ދެ ވެކްސިން އެވެ. އެ ދެ ވެކްސިން އަކީ ނައިޖީރިއާ އާއި ކޮންގޯ ހިމެނޭ ގޮތަށް އިންޑިވިޖުއަލް ގައުމުތަކުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ލިސްޓްކޮށްފައިވާ ނޭޝަނަލް ރެގިއުލޭޓަރީ އޮތޯރިޓީތަކުން ވެސް ފާސްކޮށްފައިވާ ދެ ވެކްސިން ކަމަށް ޑަބްލިއު އެޗްއޯއިން މައުލޫމާތުދެ އެވެ.

މިދިޔަ ހަފްތާގައި ޑިރެކްޓަރު ޖެނެރަލް ވަނީ އެމްޕޮކްސް ވެކްސިންތަކަށް އިމަޖެންސީ ޔޫސް ލިސްޓިންގެ ޕްރޮސެސް ފަށާފައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އެގޮތަށް ހެދުމުން އަމިއްލަ ގައުމީ ރެގިއުލޭޓަރީ އެޕްރޫވަލް އަދި ދޫކޮށްފައި ނުވާ، އާމްދަނީ ދަށް ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތް އަވަސްވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

"ޑަބްލިޔުއެޗްއޯ އިން ދަނީ ވެކްސިން ހަދިޔާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ގައުމުތަކާއި ވެކްސިން އުފައްދާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން، އަދި ވެކްސިން، ތެރަޕީޓިކްސް، ޑައިގްނޯސްޓިކްސް އަދި އެހެނިހެން ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އިންޓަރިމް މެޑިކަލް ކައުންޓަ މެޝާސް ނެޓްވޯކް މެދުވެރިކޮށް ޕާޓްނަރުންނާ ކޯޑިނޭޓް ކުރަމުން" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ވަގުތުން ސްކޭލް އަޕް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ޑަބްލިޔުއެޗްއޯ އިން ވަނީ ޑަބްލިއުއެޗްއޯގެ ކޮންޓިންޖެންސީ ފަންޑުން 1.45 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ދޫކުރަން ޖެހިދާނެ ކަމަށް ޑަބްލިއިއެޗްއޯއިން ލަފާކުރެ އެވެ. އަދި އެ ޖަމިއްޔާއިން އިލްތިމާސް ކުރަނީ ޑޯނަރުންނަށް އެމްޕޮކްސް ރެސްޕޮންސްގެ ބޭނުންތަކުގެ ފުރިހަމަ މިންވަރަށް ފައިސާގެ އެހީތެރިކަން ދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް