ads
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތް ފާރުވެ ލަކުނު ލާފައި
އެމްޕޮކްސް އަކީ ކޮބާ؟ ރައްކާތެރިވާނީ ކިހިނެތް؟
އިއްޔެގެ ވަގުތެއްގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ގެ އިއުލާނާއެކު މުޅި ދުނިޔެ މި ވަނީ ކަންބޮޑުވުމާއި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
Advertisement

ޑރ.ޓެޑްރޮސް ވިދާޅުވީ ހަލުވިކަމާއެކު އެފްރިކާ ސަރަހައްދުގައި ފެތުރެމުންދާ އެމްޕޮކްސް (މަންކީ ޕޮކްސް) ބަލިމަޑުކަމަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ. ޓެޑްރޯސް މިފަދައިން އިއުލާން ކުރެއްވީ ޑަބްލިޔުއެޗްއޯ އާއި އެ ބަލިން އަސަރުކުރި ގައުމުތަކުގެ ތަޖުރިބާކާރުން ހުށަހެޅި މައުލޫމާތު މުރާޖައާ ކުރުމަށް މީގެ ކުރިން ބައްދަލުކުރި މިނިވަން ތަޖުރިބާކާރުން (އައިއެޗްއާރު އިމަޖެންސީ ކޮމިޓީ)ގެ ލަފާގެ މަތިންނެވެ. އެ ބަލި ފެތުރެމުން ދާ ބަރުމިނަށް ރިޔާއަތްކޮށް ޑަބްލިއުއެޗްއޯއިން ވަނީ އެމްޕޮކްސް އެފްރިކާ ސަރަހައްދުން ބޭރުގައިވެސް ފެތުރިިދާނެކަމުގެ ފުރުސަތުބޮޑުކަމަށް ފާހަގަކޮށްފަ އެވެ.

"މިއަދު އެމަޖެންސީ ކޮމިޓީން ބައްދަލުކޮށް މިހާރު ބަލި ފެތުރެމުންދާ ބާރުމިނަށް ބަލާއިރު، މުޅި ދުނިޔެއަށް ވެސް ބަލީގެ ނުރައްކާ އޮތް ކަމަށް ބުނެ އާންމު ސިއްހީ ހާލަތެއް އިއުލާނު ކުރަން ޖެހޭ ކަމަށް ލަފާ ދީފައި، އެ ލަފާ ބަލައިގަންނަން އަހަރެން ނިންމައިފިން. މިއީ މުޅި ދުނިޔެއަށް އޮތް ނުރައްކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ ޑިރެކްޓާ ޖެނެރަލް ގެ އިއުލާނު އާންމު ކުރިތާ މާގިނަ އިރެެއް ނުވަނީސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މި ވަނީ ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަމުންދާކަމަށް ބުނެފަ އެވެ. އެގޮތުން މިހާރު އެޗްޕީއޭއިން ދަނީ އެމްޕޮކްސް ބައްޔަށް ރިސްކް އެސެސްމަންޓެއް ހަދަމުންނެވެ.

މިފަދަ ހާލަތެއްގައި މި ބަލިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ބަލިޖެހިއްޖެ ނަމަ ދެން ކަންކުރާނެ ގޮތަކަށް ތައްޔާރުވެ ތިބުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

މަކުނު ވިދުރިއަކީ ކޮބާ؟

އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއަކީ މަންކީޕޮކްސް ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެކެވެ. އެމްޕޮކްސް އަކީ ގައިންކަޔަށް އަރާ ބައްޔަކަށް ވާއިރު ބައެއް ހާލަތްތަކުގައި އެބަލި ޖެހިފައިވާ މީހަކު އަތްލާފައިވާ އެއްޗެއް ނުވަތަ ތަނެއް ގައި ޖެހި، އަތްލެވިފައި ވާނަަމަވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެމްޕޮކްސް އަކީ ގައިން ގަޔަށް ފެތުރޭ ބައްޔެއްކަމަށްވާއިރު މި ބަލި މައިގަނޑު ގޮތެއްގައި ޖެހެނީ އެ ބަލި ޖެހިފައިވާ މީހަކާ ކައިރިވުމުން ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނެވެ. އަދި ކައިރީގައި ހުރެ ވާހަކަ ދައްކާއިރު ކުޅުގެ ޒަރިއްޔާއިން ވެސް މި ބަލި ފެތުރެއެވެ.

މަކުނު ވިދުރިގެ އަލާމާތްތަކަކީ ކޮބާ؟

އެމްޕޮކްސް ގެ ތަފާތު އަލާމާތްތައް ހުރެ އެވެ. މީގެ ތެރޭގައި ބައެއް މީހުންގެ އަލާމާތްތައް މަދު ނަމަވެސް އަނެއް ބަޔަކަށް މާ ސީރިއަސް އަލާމާތްތައް ފެނި ހޮސްޕިޓަލެއްގައި އެޑްމިޓްކުރުމަށްފަހު ފަރުވާ ބޭނުންވެދާނެ އެވެ. ބޮޑެތި އަލާމާތްތައްވެސް ފެންނައިރު ބަލިޖެހުމުން ނުރައްކާ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުން، ކުޑަކުދިން އަދި ދިފާއީ ނިޒާމު ބަލިކަށިި މިހުން ހިމެނެއެވެ. އޭގެ ތެރޭގައި ފަރުވާ ނުލިބި އަދި އެޗްއައިވީ ބަލި ހުންނަ މީހުން ހިމެނެ އެވެ. 

އެންމެ އާއްމު އަލާމާތަކީ ގައިގެ އެތަން މިތަނުންނާއި އަނގައިތެރެއިން ފިށްގަނޑުތަކެއް ނަގަން ފެށުމެވެ. ފިތްތައް ނެގުމުގެ ކުރިން ހުންއައުމާއި، ގާގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި އަދި ކުޑަ ކަމު ދިޔުމަށް އުނދަގޫވެއެވެ. އެމްޕޮކްސް ޖެހިފައިވާ މީހުންނަށް ނުރައްކަލުން ސަލާމަތްވާ ހިސާބަކީ ގައިގާ ނަގާ ފިތްގަނޑުތަކުގެ މަތީ ފަށަލަ ހަރުވެ، އެބައިތައް ވެއްޓި، އޭގެ ދަށުގައި ހަމުގެ އާ ފަށަލައެއް އުފެދިގެން ދާ ހިސާބުންކަމަށް ބެލެވެ އެވެ. އެގޮތުން މި ބަލި ރަނގަޅުވާން 2 ހަފްތާ އަދި 4 ހަފްތާގެ މުއްދަތެއް ނަގަ އެވެ.

ގިނަ ހާލަތްތަކުގައި ތަދު ނުވަތަ ހުމުގެ ބޭސް އަދި "ސަޕޯޓިވް ކެއާ" ދިނުމުން މަދު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމްޕޮކްސްގެ އަލާމާތްތައް އަމިއްލައަށް ނެތިގެންދެ އެވެ. ގިނަ ފަހަރު ބަލި އަމިއްލަ ނެތިގެން ދިޔަނަމަވެސް ބައެއް މީހުންގެ ގައިގައި މިބަލި ގަދަވެ ނުވަތަ އުދަނގޫތަކެއް ކުރިމަތިވެ ފުރާނައަށް ގެއްލުންވެ މަރުވާ ފަހަރުވެސް އާ ދެއެވެ.

މަކުނު ވިދުރި ޖެހިދާނެ ސަބަބުތަކަކީ ކޮބާ؟

ކޮވިޑްގެ ވައިރަސް ފަދައިން އެމްޕޮކްސް ވައިރަސްވެސް ހެދުން، އެނދު، ތުވާލި އަދި އިލެކްޓްރޯނިކްސް ފަދަ ތަކެތީގެ ޒަރިއްޔާއިން ފެތުރެ އެވެ. އެމްޕޮކްސް ޖެހިފައިވާ މީހަކު އެތަކެތީގައި އަތްލުމުން ނުވަތަ ޖެހިފައި ހުރެއްޖެނަމަ ދުވަސްކޮޅެއް ވަންދެން އެތަކެތީގައި ވައިރަސް ހުރުން އެކަށީގެންވެ އެވެ. ތަންތަން ނުވަތަ ތަކެތީގެ ޒަރިއްޔާއިން ފެތުރޭއިރު ގައިން ހަލާކުވެފައި ހުރި ތަނެއް އެތަކެތީގައި ޖެހިއްޖެނަމަ ބަލި ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދެ އެވެ. އެގޮތުން ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން، ތަކެތި އަދި ތަގައްޔަރުވެދާނެ އެއްޗެއްގައި އަތްލުމަށް ފަހު އަތް ސާފުކުރުމަކީ އެ ފަދައިން ބަލިޖެހުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު ދަރިފުޅު ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށްފަހު "ސްކިން ޓު ސްކިން" ކޮންޓެކްޓް މެދުވެރިކޮށް ނުވަތަ އެމްޕޮކްސް ޖެހިފައިވާ މައިންބަފައިންގެ ފަރާތުން ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަމުން ދާނަމަ ތުއްތު ކުއްޖާއަށްވެސް ވައިރަސް ފެތުރިގެންދެ އެވެ.

މީގެ އިތުރުން ޖަނަވާރުންގެ ޒަރިއްޔާއިންވެސް އިންސާނުންނަށް އެމްޕޮކްސް ޖެހެ އެވެ. ބަލި ޖެހިފައިވާ ޖަނަވާރެއް ވަކި އެޅުމުން، އޭގައި އަތްލުމުން ނުވަތަ އެ ޖަނަވާރެއްގެ މަސްކައިފި ނަމަވެސް އެމްޕޮކްސް ޖެހެ އެވެ. އެގޮތުން ޖަނަވާރުތަކުން އެމްޕޮކްސް ޖެހުމުގެ ނުރައްކާ ކުޑަކުރެވޭނީ ޖަނަވާރެއްގައި އަތްލުމުން ދުރުވެ ހުރުމުންނެވެ. ހާއްސަކޮށް އޭގެ ލޭ ބޭރަށް ހުރެއްޖެނަމަ ވަކިން ބޮޑަށް ސަމާލު ވާންޖެހެ އެވެ. އަދި ބަލިން ސަލާމަތްވުމަށް އެންމެ ބުއްދިވެރި ގޮތަކީ ވައިރަސް ޖެހިފައިވާ ޖަނަވާރެއް ކަމަށް ޝައްކު ކުރެވޭނަމަ އޭގެ މަސް ނުކެއު މެވެ. 

މަކުނު ވިދުރިން ރައްކާތެރިވާނީ ކިހިނެތް؟

  • ތިމާ ދިރިއުޅޭ ސަރަހައްދުގައި ނުވަތަ ތިމާގެ މުޖުތަމައުގައި މަންކީޕޮކްސް ވައިރަސް ފެތުރެމުންދާނަމަ، ތިމާއަށް ނުވަތަ އެމީހުންނަށް ފެނިދާނެ އެއްވެސް އަލާމާތަކާ ގުޅޭގޮތުން ހިއްސާކުރުން

  • އެމްޕޮކްސް ޖެހިފައިވާ މީހަކާ ގާތުން ގުޅުން، ހާއްސަކޮށް ޖިންސީ ގުޅުން ހިއްގުމުން ދުރުވެހުރުން

  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ އަލްކޮހޯލް އެކުލެވޭ ސެނިޓައިޒާ ފަދަ އެއްޗަކުން އަތް ސާފުކުރުން

  • ތިމާ ދިރިއުޅޭ ސަރަހައްދުގައި ނުވަތަ ތިމާގެ މުޖުތަމައުގައި މަންކީޕޮކްސް ވައިރަސް ފެތުރެމުންދާނަމަ، ތިމާއަށް ނުވަތަ އެމީހުންނަށް ފެނިދާނެ އެއްވެސް އަލާމާތަކާ ގުޅޭގޮތުން ހިއްސާކުރުން

  • އެމްޕޮކްސް ޖެހިދާނެ ކަމަށް ހީވާނަމަ، އިވެލުއޭޓްކޮށް ޓެސްޓް ކުރެވެންދެން ޑޮކްޓަރުގެ ލަފާ ހޯދައި، އެހެން މީހުންނާ އެކަހެރިވެގެން ހުރުން

  • އެއްގަމު މަސް ރަނގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން

  • މާސްކު އެޅުން

މަކުނު ވިދުރީގެ ފަރުވާ އަކީ ކޮބާ؟

އެމްޕޮކްސްއަށް ފަރުވާ ދޭ 3 ވެކްސިނެއް ހުރެ އެވެ. އެތައް އަހަރެއް ވަންދެން ކުރި ދިރާސާތަކުގެ ސަބަބުން މިހާރު ނައްތާލެވިފައިވާ ބައްޔެއް ކަަމަށްވާ ސްމޯލް ޕޮކްސްއަށް ފަރުވާދޭ ވެކްސިންތަކުގެ ތެރެއިން 3 ވެކްސިނެއް ވަނީ އެމްޕޮކްސް އަށް ފަރުވާދޭން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފަ އެވެ. އެއީ:

  • MVA-BN
  • LC16
  • OrthopoxVac

މިހާރު އެމްޕޮކްސްއަށް އަށް ބޭނުންކުރާ ދެ ވެކްސިނަކީ ޑަބްލިޔުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން އިން ލަފާދީފައިވާ ދެ ވެކްސިން އެވެ. އެ ދެ ވެކްސިން އަކީ ނައިޖީރިއާ އާއި ކޮންގޯ ހިމެނޭ ގޮތަށް އިންޑިވިޖުއަލް ގައުމުތަކުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ލިސްޓްކޮށްފައިވާ ނޭޝަނަލް ރެގިއުލޭޓަރީ އޮތޯރިޓީތަކުން ވެސް ފާސްކޮށްފައިވާ ދެ ވެކްސިން ކަމަށް ޑަބްލިއު އެޗްއޯއިން މައުލޫމާތުދެ އެވެ.

މިދިޔަ ހަފްތާގައި ޑިރެކްޓަރު ޖެނެރަލް ވަނީ އެމްޕޮކްސް ވެކްސިންތަކަށް އިމަޖެންސީ ޔޫސް ލިސްޓިންގެ ޕްރޮސެސް ފަށާފައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. އެގޮތަށް ހެދުމުން އަމިއްލަ ގައުމީ ރެގިއުލޭޓަރީ އެޕްރޫވަލް އަދި ދޫކޮށްފައި ނުވާ، އާމްދަނީ ދަށް ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތް އަވަސްވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.

އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނުވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. 

ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. ނަމަވެސް މި ހަފުތާގެ ކުރީކޮޅު އެފްރިކާގެ އާންމު ސިއްހަތުގެ އެންމެ އިސް އިދާރާއިން ވަނީ ވައިރަލް އިންފެކްޝަން ނުރައްކާތެރި މިންވަރަކަށް ފެތުރެމުންދާ ކަމުގެ އިންޒާރު ދީ، މި އަހަރު 17،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 500އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ. މައިގަނޑު ގޮތެއްގައި ކޮންގޯގެ ކުޑަކުދިންގެ މެދުގައި އެމްޕޮކްސް ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައިވެ އެވެ. 

ބައިނަލްއަގްވާމީ މުޖްތަމައުތަކާ ގުޅިގެން އެންމެން އެކީ މަސައްކަތްކޮށްފިނަމަ މިފަދަ ނުރައްކާތެރި ބަލިތަކުން ލިބޭނެ ގެއްލުން ކުޑަ ކުރުމުގެ ފުރުސަތު ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް