ހުޅުމާލެ ފޭސް އެކެއްގައި ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން 12 ބުރިއަށް ހަދަން ނިންމާފައިވާ މި އިމާރާތުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުފެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 8 އާ ހަމައަށެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްލާމިކް މިނިސްޓްރީގައި އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ވަގުފު އިމާރާތް ތަރައްގީ ކުރާނީ އޮފީސް ބިލްޑިންއެއްގެ ގޮތުގަ އެވެ. އަދި އެ އެތަނަށް ކިޔާނީ "ދާރުއްސަލާމް" އެވެ.
ވަގުފު އިމާރާތެއް އަޅަން މަސައްކަތް ކުރާ ވާހަކަ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ނިމުނު އަހަރުގެ ނޮވެމްބަރު މަހުގައި ގައި ވެސް ވިދާޅުވެފަ އެވެ. އެއިރު އޭނާ ވިދާޅުވެފައި ވަނީ ވަގުފު އިމާރާތުން ލިބޭ ފައިސާ ވައްދާނީ މިސްކިތު ފަންޑަށް ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފް ޕްރޮޕަޓީއެއް ގާއިމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވަނީ ވިދާޅުވެފައި އެވެ.
ޝަހީމް ވިދާޅުވީ މިހާރު ވެސް ހަތަރު ސިޓީއަކުންނާއި އަށް އަތޮޅުން އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި 80 ރަށަކުން ރަށު ވަގުފް ގާއިމުކުރުމަށް އެދިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މާލޭގައި މިހާރުވެސް ވަގުފް އިމާރާތެއް ހުރެ އެވެ. ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި (ދާރުލްއީމާން) ބޭނުންކުރަން ފެށީ 2016 ވަނަ އަހަރު އެވެ. މާފަންނު މަދަރުސާއާ ޖެހިގެން ހުންނަ އެ އިމާރާތަކީ ބޭރު ބައެއްގެ އެހީއާކު އެޅި 23 މިލިއަން ޑޮަލަރުގެ އިމާރާތެކެވެ.