ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މާޗް މަހު އެވެ.
ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ތެރޭގައި މަޑިއާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ.
އެފަދައިން ވިދާޅުވެ ނަޝީދު އެކްސްގައި ޕޯސްޓެއް ކުރައްވާފައިވާއިރު، ގިނަ ބަޔަކު ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުންނެވެ.
ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުތަކުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ގަވައިދުގައި ހިމަނާފައި ވެ އެވެ.
- އިތުރަށް ކިޔާލަން: ލޭނުގައި ޖެހި މަރުވާ މިޔަރު ކިރަން ހުއްދަދެނީ
ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކޮށްފައިވާ ބޯޓްތަކުގެ ލައިސަންސް އާކޮށްދިނުން ހުއްޓާލީ ކުރީގެ ސަރުކާރުންނެވެ. އޭރު ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި އެކަން ކުރަން ޖެހުނީ ގަވައިދާ ހިލާފު އަމަލުތައް ގިނަވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިންޒާރު ދިނުމުން ކަމަށް ބުނެ އެވެ.