މާލެއާއި ހުޅުމާލޭގައި ހަމައެކަނި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައެޅުމަށް ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާ ތެރޭ މާލެއާއި ހުޅުމާލޭގައި ތަރައްގީކުރާ ޕާކިންޒޯންތައް ކަނޑައަޅަން ފަށާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ޓެކްސީތަކަށް ހާއްސަކުރާ ޒޯން ހަދަން ބިމެއް ބަލަމުން އަންނަ ކަމަށާއި ހުޅުމާލޭގެ ޒޯން ހަދަން ބިން ބަލާފައި ވާކަމަށް އެދުވަހު މިނިސްޓަރު އަމީން ވިދާޅުވެިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ޓްރެފިކް މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑައެޅި ބިން ސާފުކޮށް ނިންމާފައިވާކަމަށެވެ. އެ ކޯޕަރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މި ބިން ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް ދޭކުން އެމްއޭސީއެލްގެ ފްލެޓްތައް ހުންނަ ސަރަހައްދުންނެވެ.
ޓެކްސީތަކަށް ހާއްސަކުރާ ޕާކިން ޒޯނުގައި ޕާކު ކުރެވޭނީ ހަމައެކަނި ޓެކްސީ ބޯޑު އޮންނަ ފަރާތްތަކަށްކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ގަވާއިދެއް ހަދައި އިއުލާނު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.