ads
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގެ ޓުއަރިޒަމް ޒޯންއަށް ޒިޔާރަތްކުރުމުގެ ތެރެއިން
މާލެ އަށް ބަރޯސާވެ އައްޑޫގެ ޓޫރިޒަމް ކުރިއަކަށް ނުދާނެ: ނިޒާރު
ޓޫރިޒަމްގެ ސިނާއަތަށް މަންފާއެއް ލިބެންޏާ، އައްޑޫ ވެގެންދާނީ އެކަމުގައި އެންމެ ކުރީގައި އޮތް ތަނަކަށް ކަމަށާއި ނަމަވެސް އެކަން ހާސިލް ކުރުމަށް މާލެއަށް ބަރޯސާވެގެން އައްޑޫގެ ޓޫރިޒަމް ކުރިއަކަށް ނުދާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ނިޒާރި މިހެން ވިދާޅުވީ އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024" ގެ ނަމުގައި ބޭއްވި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ އައްޑު އަކީ ޓޫރިޒަމް ތަރައްގީކޮށް، ފުޅާކޮށް ކުރިއެރުވިދާނެ ކިތަންމެ ވަސީލްތަތެކެއް ހުރި ތަނެއް ކަމަށެވެ. ހާއްސަކޮށް އިންސާނީ ވަސީލަތްތަކަށް ބަލާ އިރު، އައްޑު އަކީ ޓޫރިޒަމް ދާއިރާގެ އެތައް ރޮނގަކުން ގާބިލު އަދި ތަޖުރިބާ ހުރި އެތައް ބަޔަކު ނިސްބަތްވާ ސިޓީއެއް ކަމަށް ވިދާޅުވި އެވެ.

އަދި މި ބިމުގެ ގޮތުން ވެސް އައްޑު އަކީ މިހާރު ޓޫރިޒަމަށް ވަރަށް ފަހިކޮށް އޮތް ކަމަށް މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ "ޑެސްޓިނޭޝަން އައްޑޫ" ސަމިޓުގެ މަގުސަދަކީ މާޔޫސް ކަމެއް ނެތި، އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ ކަންތައް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ކުރުން ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ މި ސަމިޓުގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކުރަން ނިންމަވާފައިވާ ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ މާލެ އާއި ދުރުގައި މިތަން އޮތުން. މާލެ ކައިރީ ތަންތަން އަގުހެޔޮ ވީމާ މިތަނަށް އަންނާކަށް ޓޫރިސްޓުން ބޭނުމެއް ނުވޭ. ގަން އެއާޕޯޓު ތަރައްގީކޮށް ބޭރުގެ އެއާލައިންތައް އެއާޕޯޓަށް އާދެވޭ ގޮތް ހެދުމަކީ އެންމެ މުހިންމު އެއް ކަންތައް، އެކަމަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ އައްޑުއަށް އެނދުތައް އިތުރު ކުރުން،" މާލެ އަށް ބަރޯސާވެ އައްޑޫގެ ޓޫރިޒަމް ކުރިއަކަށް ނުދާނެ ކަން ފާހަގަ ކުރައްވާ މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ފާހަގަކުރެއްވި ގޮތުގައި އައްޑު އަކީ ރާއްޖޭގެ އެހެން ތަންތަނާ ހިލާފަށް ސަރުކާރުން ޕްރޮޕަޓީތަކެއް ގާއިމުކޮށްފައިވާ ތަނެކެވެ. އޭގެ ތެރޭގައި ކެނަރީފް ރިސޯޓާއި ޝަންގްރިއްލާ ރިސޯޓް ފާހަގަކުރެއްވި އެވެ. 

އަދި މިހާރު ހަންކެޑެ އިިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަނީ ވެސް ސީދާ ސަރުކާރުގެ ފަރާތުން ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މިއީ އަމިއްލަ މީސްމީހުން އިންވެސްޓްކުރަންވީ ދާއިރާއެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ޑެސްޓިނޭޝަން އައްޑޫ ސަމިޓު ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެންމެން ގުޅިގެން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބްރޭންޑެއް ވުޖޫދުކޮށް، އެއާ އެއްގޮތަށް ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތްތައް ކުރުމެވެ.

އައްޑޫ ސިޓީއަކީ ބިން ބޮޑު، އަތޮޅެކެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތަކެއް އޮތް ނަމަވެސް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް