ads
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު
ދައުލަތުގެ ރިޒާވްގެ ހާލަތު މިމަހު ރަނގަޅުވާނެކަމަށް ލަފާކުރެވޭ: އެމްއެމްއޭ
މިދިޔަ ޖުލައި މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މިމަހު ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކޮށްފި އެވެ.
Advertisement

ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވާ ބެހޭ ގޮތުން އެމްއެމްއޭ، އިން މި ވާހަކަ ދެއްކީ އެ ރިޒާވް މި މަހު ހުސްވާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް މީޑިއާގައި ލީކްވެފައި ވަނިކޮށެވެ. ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީއާ އެއްކަރުދާސްކޮށްފައިވާ އެމްއެމްއޭގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ. 

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވާނެ އެވެ. އަދި އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި އޯގަސްޓު މަހުގައި ޔޫޒަަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑެވެ. 

އެމްއެމްއޭއިން މިރޭ މީޑިއާތަކަށް ދިން މައުލޫމާތުގައި ވަނީ ކޮވިޑް19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާކަމަށެވެ. 

އެހެންނަމަވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ބޭރު ފައިސާ އެމްއެމްއޭއަށް މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމުނުކަމަށާއި އެގޮތުން މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.

ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް މިދިޔަ މަހު ދަށްވާނެ ކަމަށް އެމްއެމްއޭގެ ސިޓީއާ ހަވާލާދީ މީޑިއާ ތަކުން މިއަދު ރިޕޯޓް ކުރި ނަމަވެސް މިއަހަރުގެ ޖުލައިމަހު ބޭނުންކުރެވޭ ރިޒާވް ހުރި އަދަދަކީ 45 މިލިއަން ޑޮލަރުކަމަށާއި މިއަދަދު ހިސާބު ކުރުމުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭނުންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. 

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން:

  • މި އަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 73 މިލިއަން ޑޮލަރު ދަށްވެފަ. އެއީ 50 ޕަސެންޓުގެ ވެއްޓުމެއް
  • މި އަހަރުގެ ޖޫން މަހުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 67 މިލިއަން ޑޮލަރަށް ދަށްވި، ޖޫން މަހު ޖުމްލަ ރިޒާވްގައި ހުރީ 509 މިލިއަން ޑޮލަރު
  • މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގައި   

އަހަރުން އަހަރަށް ދައުލަތުން ދަރަނި އަދާކުރަން ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ދައުލަތުގެ މާލީ ހާލަތު ހީނަރުވެ، ހަރަދުބަރަދު ދެކޮޅުނުޖެހުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި މާލީ އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ. 

ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ. ދަރަނި އަދާކުރުމާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އާމްދަނީ އިތުރު ކުރުމުގެ އިތުރުން ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަކޮށް އިސްރާފުވާ ދާއިރާތައް ރިފޯމް ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް