
މި މައްސަލާގައި ދައުވާ ކޮށްދޭން އޭސީސީން އެދުނީ އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން އަދި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށެވެ.
އޭސީސީން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ކޮށްދިނުމަށެވެ.
އޭސީސީން ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ތިން މީހުން ނާޖާއިޒު މަންފާ ހޯދައިދީފައި ވަނީ އާރުއެމްއެލްއެސް ލެބް ސާވިސަސް އަށެވެ. އެ ކުންފުނި މެދުވެރިކޮށް އަލީ ލަތީފު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް ވަނީ ފޮނުވާފަ އެވެ.
ކުރީގެ ހެލްތް މިނިސްޓަރު އަމީން އަރިހުގައި އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އަދި އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފް
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން އެނގޭ ގޮތުގައި އެ ލެބޯޓަރީ ހިންގަނީ ޕަޔޮނިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް ތިބީ އިކުލީލް ޝަރީފް އަދި އިބްރާހިމް ސައީދު މުހައްމަދު އެވެ.
އެތެރެހަށީގެ ޑރ. އަލީ ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.
ޑރ. އަލީ އަބްދުﷲ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މީރާއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.
މީގެއިތުރުން މި މައްސަލައިގައި، ޑރ. އަލީ އަބްދުﷲ ލަތީފް އަދި ޑރ. މިލްޒާ އަބްދުލްމުހްސިނާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާ މެދު ފިޔަވަޅެއް އަޅަންޖެހޭ ކަމުގައިވާނަމަ އެ ފިޔަވަޅެއް އެޅުމަށް އެ ކައުންސިލްގައި އެދިފައިވާނެ ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.
ކޮވިޑުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ނަމަކަށް ކިޔާ ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާ މައްސަލަ ވެސް އޭސީސީން ތަހުގީގުކޮށް އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތުގެ ވެރިންތަކެއްގެ މައްސަލަ ޕީޖީއަށް މީގެ ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީ ނިންމާ މައްސަަލަ ވަނީ ފައިލްކޮށްފަ އެވެ.
އެ މައްސަލައިގައި ދައުވާކުރަން އޭސީސީން އެކި ފަހަރު މަތިން ޕީޖީއަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު، އެގޮތަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމުން ހިމަނައިފައިވެ އެވެ.