އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ޤާނޫނީ ޝަހުސެއްއްކަން ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންމުގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކަނޑައެޅިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ކަމަށެވެ.
އަދި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސް މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން، ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާ މެދު ކައުންސިލްތަކާއި ގުޅުންހުރި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކާ އެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދިޔުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
އާބަން ޑިވަލޮޕްމަންޓް ބިލާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ސަރުކާރުން ހުށަހެޅި މި ބިލުގެ ސްޕޮންސަރަކީ ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ.
ހަރަދު ކުޑަކުރުމަށް ޓަކައި މަޖިލީހުގެ ސައިޒުކުޑަކޮށް، ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އަދި އެ ފަދަ އިސްލާހެއް މަޖިލީހަކަށް ހުށަހައެއް ނާޅަ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކޮށް، އެ މީހުންނަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުވެރިކަމާއި މިނިވަންކަން މި ސަރުކާރުން ހަނިކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ބައެއް ކައުންސިލަރުން ވެސް އަންނަނީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރަމުންނެވެ.