ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލާއި ގުޅިގެން، ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައިސް ޝާހިދު ވިދާޅުވީ ސަރުކާރުން މިކަމުގައި ދައްކަމުންދާ ވާހަކަތަކާމެދު ވިސްނަންޖެހޭ ކަމަށާއި ގައުމެއްގައި އޮންނަ ސަރުކާރަކަށް އެހެން ގައުމަކުން އެހީއެއް ދޭނީ އެ ބޭނުންކުރާނެ ރަނގަޅު ގޮތަކާއި އުސޫލެއް ވެސް ދައްކައިގެން ކަމަށެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ސަރުކާރާ ދެކޮޅަށް މާލީ ބަޣާވާތެއް ކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ގައުމުތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދާނެ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ހުރިހާ ދިމާލަކުން ވެސް ފައިސާ ހަމަޖެހިފައި ހުރި ކަމަށް ވިދާޅުވި ކަމަށާއި ވެރިކަމަށް އައުމަށްފަހު ފެހި ސިގުނަލުތަކެއް ލިބުނު ވާހަކަ ދައްކަމުން ދާ ކަމަށެވެ.
ނުވަ މަސް ދުވަސް ވީއިރު ވެސް އެހީއެއް ނުލިބުމަކީ މި ސަރުކާރަށް ބައިނަލްއަގުވާމީގެ އިތުބާރު ނުލިބުން ކަަމަށް ވެސް ޝާހިދުގެ ވާހަކައިގައި ފާހަގަކުރި އެވެ. އަދި ވިދާޅުވީ ގައުމަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން މިހާރު މި ސަރުކާރުގެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި އިދިކޮޅުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން ތަހުގީގެއް ފަށައިފައިވާކަން އިއުލާން ކުރީ ރޭގަ އެވެ.
އެމްޑީޕީން ވަނީ ފުލުހުން އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި މިހާރުން މިހާރަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އެ މައްސަލައިގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ބުނެފަ އެވެ.