ads
ރައީސް ޔާމީނާއި އަބްދުއްރަހީމް. އަބުއްރަހީމް މިރޭ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ޔާމީން "ތަންދޮރު" ނުދަންނަކަން އެބަ ފެނޭ: އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން "ތަންދޮރު" ނުދަންނަކަން އެބަ ފެންނަ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

މިރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަަވަމުން ޔާމީންގެ ކުރީގެ އެންމެ އަރިސް އެކުވެރިޔާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ސްމާޓު މޮޅު ބޭފުޅެއްކަމަށް ކުރިން ގަބޫލު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު މިހާލަތަށް ކަންތައް ދިއުމުން، އެމަނިކުފާނަކީ އެއްވެސް ކަމެއް ނުދަންނަ ބޭފުޅެއްކަން އެނގިގެން ދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ބޮޑާކަމާއި ކިބިރުވެރިކަން ފެނި މިއަދު ހައިރާންވާކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތުން ރައީސް ޔާމީނުގެ އޮންނެވީ ވަތަނީ ލޯތްބެއް ނޫންކަމަށެވެ. ރައީސް ޔާމީނުގެ އޮތީ ނަފްސީ ލޯތްބެއްކަމަށް އިނގިވަޑައިގެންނެވި ކަމަށެވެ. އަދި އެހާ ހިސާބުން ރައީސް ޔާމީނަށް އޮތް އިހުތިރާމާއި ގަދަރު ގެއްލުނީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރީގަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީންއަކީ، އެކަމަކު މިއަދު މިހާލަތަށް އައީމަ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެކޭ ޔާމީންއަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީންއަކީ." 

އަބްދުއްރަހީމް ވިދާޅުވީ ކުރިން ޔާމީން ހުންނެވި މަގާމުގައި -  ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިއަދު ހުންނެވީ މުއިއްޒުކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މިއަދުގެ އެ ހާލަތު ރައީސް ޔާމީން ވެސް ޖެހިވަޑައިގަންނަވާނީ ގަބޫލުފުޅު ކުރައްވަން ކަމަށެވެ.

ރައީސް ޔާމީން އިސްކޮށް ހުންނެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވިތާ ވަރަށް ކުރީ ކޮޅުގައި ސަރުކާރާ ހިތްޕުޅު ހަމަޖެހިވަޑައިގެން  ޔާމީނު ވަނީ ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވާފަ އެވެ. 

ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވި ފަހުން ރައީސް ޔާމީނު ގެންދަވަނީ ރައީސް މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައްދުގައި އެއިރު އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ގެންދަވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް