ads
ފެނަކަ
ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން: އެސްޓީއޯ
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެސްޓީއޯގެ ބޯޑުން އިއްޔެ ވަނީ، ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ފެނަކަ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޕްލޭނެއް އެކުލަވާލަން ނިންމައިފަ އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ފެނަކައަކީ އެސްޓީއޯއާ ވަރަށް ގުޅުން ހުރި ކުންފުންޏެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ ތެރެއިން ޑީސަލް އެންމެ ގިނައިން ބޭނުންކުރާ އެއް ކުންފުންޏަކީ ފެނަކައެވެ.

ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތައް ހިންގާ ކުންފުންޏަކަށް ވާއިރު، އެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައަށް ވެސް ފައިދާތަކެއް ހޯދޭނެ ކަމަށެވެ.

އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ. ފެނަކައިން ތެޔޮ ގަނެގެން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ. އެގޮތުން ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރައެވެ. 

"ދަރަނި އިތުރުވީ ވަކި ހިސާބަކުން އައިސް ފެނަކައިން އެސްޓީއޯއަށް ޕޭމެންޓް ދިނުން ހުއްޓާލުމުން. އެކަމަކު އާ މެނޭޖްމެންޓުން އެކޮޅަށް ދެއްކޭ ވަރަކަށް ވަކި ޕްލޭނެއްގެ ދަށުން ޕޭމެންޓްތައް ލިބޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރެވިގެން އެފިޝެންސީ އާއި ކުޑަކުރެވޭ ކޮސްޓުން އަޅުގަނޑުމެންނަށް ދަރަނީގެ ބޮޑު ބައި ދިގު ރާސްތާއެއްގައި ރިކަވާ ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ، ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލާނީ އެސްޓީއޯގެެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ތަމްސީލުވާ ގޮތަށް ކަމަށެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރެވުމާ އެކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަންކުރާ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވީ މިދިޔަ އާދިއްތަ ދުވަހުގަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް