"ވިންޓަރ ޕްރެޕް ކިކްއޮފް 2024" ގެ ނަމުގައި ބޭއްވި މިއިވެންޓްގެ މަގްސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކުރުން ކަމުގައި އެމްއޭސީއެލްއިން ފާހަގަކުރެ އެވެ.
މި އިވެންޓްގައި އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އިވެންޓުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއްކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ސީއީއޯ ފާހަގަކުރެއްވިކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އޭގެއިތުރުން އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ސީއީއޯ ޝަރީފް ދެއްވި އެވެ.
މި އިވެންޓްގައި އެފްއެމްޔޫޑީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވާއިރު، ޑިޕަރޓްމަންޓްތައް ގުޅިގެންކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މަޝްވަރާ ކުރެވުނުކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އެމްއޭސީއެލްއިން ބުނެ އެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމްކުރުމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއިއެކު ޓާމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން މަސައްކަތް ފަށާފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.