ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަނުގައި، ބިދޭސީން ހިންގާ ވަރަށް ގިނަ ތަންތަން މިހާތަނަށް ބަލައިފާސްކޮށް، ތަންތަން ދަނީ ބަންދު ކުރަމުންނެވެ. ދާދިފަހުން ވަނީ މަޝްހޫރު ދެ ސެލޫނެއް ވެސް ބަންދުކޮށް، އެތަންތަން ހިންގަމުން ދިޔަ ބިދޭސީން ޑީޕޯޓް ކޮށްލާފަ އެވެ.
އަދި، ވަރަށް ނުތާހިރުކޮށް ކާބޯތަކެތި ހަދާ ތަންތަން ވެސް ވަނީ ބަލައިފާސްކުރުމަށްފަހު ބަންދު ކޮށްފަ އެވެ.
އިމިގްރޭޝަނުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މި އޮޕަރޭޝަންތަކާ އެކު ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާ މައުލޫމާތު އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށެވެ.
އެހެންވެ، މި އޮޕަރޭޝަންތައް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.
އިމިގްރޭޝަނުން މިރޭ ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، މިއަދު ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެންނެވެ.
އިމިގްރޭޝަނުން ބުނީ މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ މީހުންނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. މި ސަރުކާރުން އަންނަނީ ހުރިހާ ބިދޭސީންނާ ގުޅޭ މައުލޫމާތު އެއްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެ މަސައްކަތްތަކުގެ ތެރެއިން، ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެ ވިޔަފާރި ކުރަމުން އައި ކަމަށް ފާހަގަވި 3،322 ބިދޭސީން ފާއިތުވި ނުވަ މަސް ތެރޭގައި ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ގަވާއިދާ ހިލާފަށް ކުޅުދުއްފުއްޓަށް ބިދޭސީނަށް އެތެރެކުރި ބޯޓު ކެޕްޓަނަށް އިމިގްރޭޝަނުން މިއަދު ލިޔުމުން ނަސޭހަތް ދީފަވާއިރު، ބިދޭސީން މީހުން ރާއްޖެ ގެނައުމަށް ފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ.އިން ވަޒީފާ ދޭ ފަރާތް ޖޫރިމަނާކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.