ads
ބިދޭސީންގެ ނުދައްކާ ފީތައް ބަހައިލައިގެން ދެއްކޭގޮތް ހަދައި ދީފި
ބިދޭސީންގެ ފީތައް ނުދައްކާ ވިޔަފާރިތަކަށް އެ ފައިސާ ދެއްކުމަށް ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށް ބަހައިލައިގެން ފައިސާ ދެއްކޭނެ ގޮތް ހޯމް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
Advertisement

ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން  ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ފަރާތަކަށްް މިދިޔަ މަހުގެ 31 ވަނަދުވަހުގެ ކުރިން އެ ފައިސާ ދައްކާ ނިންމުމަށް ހޯމް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގައި ނުދައްކައިފިނަމަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ގެ ހިދުމަތުން ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ. 

އެހެންނަމަވެސް އިއްޔެ ހޯމް މިނިސްޓްރީން ވަނީ ޖޫރިމަނާތަކާއި ފީތައް ދައްކަން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފައެވެ. މީ މުއްދަތު އިތުރުކޮށްދިން ތިންވަނަ ފަހަރެވެ. 

ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް އެ ފައިސާ ދައްކަން ދިން މުއްދަތު މިމަހުގެ 16 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށެވެ. އަދި އެ މުއްދަތުގައި ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. 

ހޯމް މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން އެ ފައިސާ ވަކި މުއްދަތެއްގައި ދައްކަން އެއްބަސްވުން މިހާރު ހެދޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

"އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ. މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ." ހޯމް މިނިސްޓްރީގެ އިއުލާންގައިވެއެވެ.

ބިދޭސީންގެ ފީތައް ނުދައްކައިގެން ދާހިލީ ވުޒާރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ. އޭގެތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ.

މީގެތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު, ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގައެވެ.

މި ލިސްޓު އާއްމުކުރުމުން 20 ކުންފުންޏަކުން ވަނީ ފައިސާ ދައްކާފައެވެ. އެ ކުންފުނިތަކުން ފައިސާ ދެއްކުމުން 182 މިލިއަން ރުފިޔާ ލިބިފައިވާކަން ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް