ހ. ޝީރީންވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ މައްސަލަ ކުރިއަށްދަނީ އާއްމުކޮށް ހުޅުވައި ނުލަ އެވެ. މީގެ ކުރިން ޝާހިލްއަށް ތިން ފަހަރެއްގެ މަތިން ދިފާއީ ވަކީލުން އައްޔަންކޮށްފައިވީ ނަމަވެސް ޝާހިލް އެއްވެސް ވަރަކަށް ވާހަކަ ނުދައްކައި އަދި އެއްބާރުލުން ނުދޭތީ މައްސަލަ އޮތީ ކުރިއަށް ނުގޮހެވެ. އެކަމަކު އޭރުއްސުރެ ޝާހިލް ހުރީ ބަންދުކޮށްފައެވެ.
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިފާއީ ވަކީލަކާ ނުލައި ޝަރީއަތް ހިންގަން ޝާހިލް ބޭނުންވާތީ އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝާހިލް ކުރިން އައްޔަން ކުރި ދިފާއީ ވަކީލުންނަށް ހަވާލުކުރި ލިޔުންތައް ހޯދުމަށްފަހު ޝާހިލަށް ހަވާލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
މީގެ އިތުރުން އެ މެސެޖުގައި ބުނެފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރިފައިވާ ލިޔުންތައް ބެލުމަށް ޝާހިލް ބޭނުންވާތީ އެ ލިޔުންތައް ބެލުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ބެލޭނެ ގޮތެއް އޭނާއަށް ހަމަޖައްސައިދޭނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އުމުރުން 23 އަހަރުގެ ޝާހިލް އެ އެޕާޓްމަންޓުން ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ގައިގައި ގިނަ އަދަދެއްގެ ލޭ ހުރި އިރު، ޝިއާއު މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް ހޯދާފައި ވާކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.
"ސީއެންއެމް" އަށް މީގެކުރިން ދިން ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ބުނެފައިވަނީ، ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް އެދޭ ކަމަށެވެ. ޝިއާއުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރެވެ.