ads
ޓްރޭޑިއަން ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -
ސިންގަލް ވިންޑޯއާއެކު ވިޔަފާރި ދުވެލި ހަލުއި ވާނެ: ސައީދު
ރާއްޖޭގައި އެކްސްޕޯޓު އަދި އިމްޕޯޓު ވިޔަފާރިކުރާ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ހިދުމަތް ލިބޭނެ ގޮތަށް "ޓްރޭޑިއަން" ގެ ނަމުގައި ނެޝަނަލް ސިންގަލް ވިންޑޯ ތައާރަފްވެ ދިއުމާއިއެކު ވިޔަފާރި ދުވެލި ހަލުއި ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސައީދު މިފަދައިން ވިދާޅުވީ ސިންގަލް ވިންޑޯ ޕްލެޓުފޯމު އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. މިއަދު ޖެން ހޮޓެލް ބޭއްވި ރަސްމިއްޔާތުގައި "ޓްރޭޑިން" ތައާރަފްކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

ސިންގަލް ވިންޑޯއެއް ގާއިމްކުރުމަކީ 2016ވަނަ އަހަރު ފެށި މަސައްކަތެއް ކަމަށާއި މިހާރު އެނިޒާމުގެ ފުރަތަމަ މަރުހަލާގެ ހިދުމަތްތައް އިފްތިތާހުވެގެންދިޔުމަކީ ބޮޑު ކާމިޔާބީއެއް ކަަމަށްވެސް ވިދާޅުވި އެވެ.

"2019ގައި މި މިމަސައްކަތް ހުއްޓުނު، މިހާރު މި ޕްރޮޖެކްޓު ސްޓާޓު މިވީ، ފާސްޓު ފޯވަޑު، އަންނަ އަހަރުގެ ކުއާޓަރ ވަން ގައި މުޅި ފުލް ޕްރޮސެސް އެއްކޮށް ނިމިގެންދާނެ، މިއީ ވިޔަފާރިވެރިން އުއްމީދުކުރާ ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެ،" ސައީދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރި ފަސޭހަކުރުމަށް މުދާ އެތެރެކުރުމުގެ ހުރިހާ އިޖުރާއާތެއް ސިންގަލް ވިންޑޯއަށް ބަދަލުކުރެވުމުން ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިހާރު ހިނގަމުންދާ މަސައްކަތް ނިންމައި ފުލް ޕްރޮސެސް ނިމުމުން ޕޯޓުތަކާ ގުޅޭ ގޮތުން އީސް އޮފް ޑުއިން ބިޒްނަސް އިންޑެކްސްއިން ފާހަގަަކުރަމުންއައި ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ވިޔަފާރީގެ މާހައުލުގެ އޮޑިޓެއް ހަދައިފިނަމަ ކުރިން އިންޑެކްސްގައި ރާއްޖެ އޮތް ހިސާބަށްވުރެ ރަނގަޅު ހިސާބަކަށް ރާއްޖެ ގެންދެވޭނެ ކަމުގައި ސައީދު ވިދާޅުވި އެވެ. 

ނެޝަނަލް ސިންގަލް ވިންޑޯ އެކުލަވައިލީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޓްރޭޑް ނެޓް މޯލްޑިވްސް މެދުވެރިކޮށެގެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، ސިންގަލް ވިންޑޯގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއްގެ ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބައްޓަން ކުރުން ކަމަށެވެ.

"މި މަޝްރޫއުއަކީ ރާއްޖޭގެ ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި އުޅޭ އިދާރާތަކާއި ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގެ ޝާމިލުވުމާ އެކު އަޅުގަނޑުމެން އެންމެންނަށް ވިން ވިން ސޮލިއުޝަނެއް ގެނައުމަށްޓަކައި އެންމެން އެކުއެކީގައި އަތް ގުޅާލައިގެން ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރަމުން ގެންދާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިޔަފާރިތަކަށް ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރާ އިރު ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަން ގާނޫނާއި ޑިޖިޓަލް ހިދުމަތްތަކަށް ހާއްސަ ގާނޫނުތައް ހެދުން ވަރަށް މުހިއްމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް