ނަބިއްޔާ ﷺ ހަދީޘްކުރެއްވި އެވެ.
يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ» [متفق عليه]
މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެ އެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެ އެވެ. ފަހެ އޮށޯންނާށެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެ އެވެ. ދެން ވުޟޫކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެ އެވެ. އެއަށްފަހު ނަމާދުކޮށްފިއްޔާ ގޮށެއް މުހެވިގެންދާނެ އެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ހަރަކާތްތެރި ހާލު، ހެޔޮކަމުގެ މަތީގަ އެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ހާލުގަ އެވެ.”
ވިސްނާ ފިކުރުކޮށްލަބަލާށެވެ. މިއަދު އަހަރެމެންގެ ތެރެއިން ފަތިސްނަމާދަށް ފަރުވާކުޑަކޮށް އެ ނަމާދު އަޅާ ނިދަން އޮންނަނީ ކިތައް މީހުންބާވަ އެވެ. ރޭގަނޑު ދަންވަންދެން ދުނިޔެވީ ކަންކަމުގައި ނުނިދާ ސަކަރާތުގައި އުޅެ ދަންވާފަހުން ނިދަން އޮށޯންނަނީ އެވެ. ފަތިސް ނަމާދަށް އެއްވެސް ފަަރުވާތެރިކަމެއް ނެތިއެވެ. ޣާފިލު ކަންމަތީ ފަތިސް ނަމާދު އަޅަނީ އެވެ.
އެހެންކަމުން އެފަދަ މީހުން ނަމާދުއަޅާ މުޅި ދުވަސް ހޭދަކުރާނީ ޝައިޠާނާ ޖެހި ގޮށްތަކާއި އެކުގަ އެވެ. އެހެންކަމުން އެ ދުވަހުގައި އެފަދަ މީހުންނަށް އޮންނާނީ ކޮން ބަރަކާތަކާއި ރައްކާތެރިކަމެއްތޯ އެވެ.
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ރައްކާތެރިކަމާއި ބަރަކާތުން ފުރިގެންވާ އުފާވެރި ދުވަހެއް ފަށަން ބޭނުންނަމަ ފަތިސް ނަމާދުން ދުވަސް ފައްޓާށެވެ.
މައުލޫމާތު: އިސްލާމި ތިލަފަތުގެ ދަރުސަކުން