އިންޑިއާގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ އަންހެނުން މަގުމަތީގައި ބަރަހަނާކޮށް އަނިޔާކޮށްފައި ވަނީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ބާޒާރަށް ނުކުމެ އުޅެނިކޮށެވެ.
ގިނަ އަދަދެއްގެ މީހުންތަކެއްގެ ތެރޭގައި މި ދެ އަންހެނުން ބަރަހަނާ ކުރީ ސީދާ ކޮން ސަބަބަކާއި ހުރެކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިއީ އިންދޫންނާއި މުސްލިމުންނާއި ދެމެދު ހިނަގި ޒުވާބަކަށް ފަހު ހިނގި ކަމެކެވެ.
މި ދެ އަންހެނުން ބަރަހަނާ ކުރުމަށް ފަހު ދަނޑިން އެ ދެމީހުންގެ ގައިގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭސްގައި ހިނގި މި ހާދިސާ މިހާރު ފުލުންގެ ސަމާލުކަމަށް އައިސްފައި ވީނަމަވެސް މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. ނަމަވެސް މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް އިންޑިއާގައި މިފަދަ ލާއިންސާނީ އަނިޔާދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް އެކި ދީންތަކުގެ މީހުންގެ މެދުގައި އޮންނަ ހަމަނުޖެހުމާއި ތަޅާފޮތުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.