އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1.38 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %10.2 ކުރިއެރުމެއް ކަމަށް ޓްއަރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖުކޮށް މީހާރު ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންކަމަށްވެސް ޓްއަރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 202،613 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް
• ޗައިނާ: 202،613 ފަތުރުވެރިން
• ރަޝިއާ: 149،920 ފަތުރުވެރިން
• އިނގިރޭސިވިލާތް: 119،189 ފަތުރުވެރިން
• އިޓަލީވިލާތް: 102،412 ފަތުރުވެރިން
• ޖަރުމަނުވިލާތް: 97،804 ފަތުރުވެރިން
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1252 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 14 ހޮޓަލާއި 879 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 60954 އެނދު އޮޕަރޭޓްކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.