ads
އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ
އަތުހަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭ: މާރިޔާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު، 2 ގައި މަރުވި އާދަމް އަތުހަރު، 32، ގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
Advertisement

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 29 އޯގަސްޓް ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ބޮޑަށް އަނިޔާވި އެވެ. އެއީ ފުލުހުން އޭނާގެ ބޮލުގައި މުގުރުން ތެޅުމުންނެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ މަހު 30 ގަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ 31 އޮގަސްޓް ގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އެ ދުވަހު އެވެ.

ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ 1 ސެޕްޓެމްބަރު ގަ އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މި މަހު 2 ވަނަ ދުވަހުގައި އެވެ.

އަތުހަރުގެ މަރުގެ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެމްޑީޕީން ރޭ ބޭއްވި "ހަވަރު ބެރު ޕެނަލް ޑިސްކަޝަން"ގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ އަތުހަރުގެ މަރުގެ މައްސަލާގައި ފުލުހުންނަށް މާބޮޑު ބާރެއް ނެތް ކަމަށާއި އެކަމުގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.

މާރިޔާ ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި މިނިސްޓަރުން ވެސް އަމަލުކުރައްވަން ޖެހޭނީ އެކަން ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ގޮތަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުންގެ ކުރިމަތީ ގެއްލެނީ ފުލުހުންގެ އަގު ކަަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ފުލުހުންނަށް ލިބިދޭ ބާރުތަކުގެ މައްޗަށް އެހެން ނޫފޫޒުތައް އަންނަ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ދައުލަތެއްގެ ބެލުމުގެ ދަށުގައި ހުންނަ ގައިދީއަކާ މެދު އަމަލުކުރަންވީ ގޮތް ޖަލުތަކާ ޕެރޯލްތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އޭގެ ތެރޭގައި ކެމެރާތައް ވެސް ބަލަހައްޓައި މޮނިޓާކުރަން ޖެހޭކަން ލިޔެފައި އޮންނާނެ ކަމަށެވެ.

"ފުލުސް ބޯޑު އޮވޭ. ފުލުހުންގެ ތެރޭގަވެއި ސް ބެލެން އޮވޭ. އިންޓަގްރިޓީ ކޮމިޝަން އޮވޭ. މިނިސްޓަރުން ނުކުމެވަޑައިގެން ފުލުހުންނަށް އެ ފުރުސަތު ނުދެއްވާ އަމިއްލަފުޅަށް އެހެން ވިދާޅުވުމުގެ ސަބަބުން ރައްޔިތުން ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓެމުން ދަނީ،" މާރިޔާ ވިދާޅުވި އެވެ.

އަތުހަރުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް