މި ގަވައިދަށް ބަދަލުގެންސް ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
ގަވައިދަށް ގެނައި ބަދަލުގެ ދަށުން މޮޑިފައިކޮށްފައިވާ ސައިލެންސަރު ނުވަތަ ބަރުގޮނު ފަދަ ބިރުވެރިކަން އުފެދޭ އެއްޗެއް ހަރުކޮށްފަ ހުންނަ ވެހިކަލްތައް ހިފަހައްޓާ 30 ދުވަހަށްް ޓޯކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އަދި ޓޯ ކުރާ އުޅަނދުތައް ދޫކޮށްލާނީ ސައިލެންސަރުގެ އަޑުގަދަކޮށްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްފައިވާ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލުމުންކަމަށްވެސް އެ ގަވައިދުގައި ވަނީ ހިމަނާފައެވެ.
ކުރިން މި ގަވައިދުގައިވާ ގޮތުން އުޅަނދުގެ އަސްލަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ރަނގަޅުކުރުމަށް ވެރިފަރާތަށް އެންގުމަށްފަހު އެކަމެއް ރަނގަޅުނުކުރާނަމަ 15 ދުވަހުގެ މުއްދަތަކަށް އެ އުޅަނދެއް ޓޯކުރެވޭނެ ކަމަށެވެ.
އާ އިސްލާހުގައި ވާގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ދެ ފަހަރަށް ވުރެ ގިނައިން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ އެ އުޅަނދެއް 15 ދުވަހަށް ޓޯ ކުރާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން ހިފަހައްޓާ ވެހިކަލްތައް 30 ދުވަހަށް ޓޯ ކުރާނެއެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވާ އުޅަނދުތައްވެސް 15 ދުވަހަށްް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.