ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
މޫޑިސްއިން ރާއްޖެއަށް "ސީއޭއޭ2" ރޭޓިންއެއް
ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް މޫޑިސްއިން ރާއްޖެއަށް "ސީއޭއޭ2" ރޭޓިންއެއް ދީފި އެވެ.
Advertisement

މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށެވެ. އެއީ ކްރެޑިޓް ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވުމެވެ. އެހެންކަމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމަށްފަހު މޫޑީސް އިން ވަނީ ދިވެހިރާއްޖެ އިތުރަށް ޑައުންގްރޭޑްވޭތޯ ބެލުމަށް ރިވިއުއަށް ލައިފަ އެވެ. "ރިވިއު" އަށް ލުމުގެ މާނައަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރޭޓިން އިތުރަށް ދަށްވުމުގެ ފުރުސަތު އޮތުމެވެ 

މީގެ ކުރިން މޫޑީސްގެ ރޭޓިންގައި ރާއްޖެ އޮތީ ސީއޭއޭ-1 ގަ އެވެ.

މާލީ ހާލަތު ގޯސްވެ މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރިއިރު، ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިންގްސް އިން ދާދިފަހުން ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފަ އެވެ.

ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި:

  • ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުން
  • ދަައްކަން ހުރި ބޮޑެތި ބޭރުގެ ދަރަނިތައް ހުރުން
  • ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮތުން
  • ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވުން
  • ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ކަޅު ބާޒާރާއި) ރަސްމީ ރިޒާވަށް ވެސް ޕްރެޝަރު އޮތުން
  • ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުން  

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ފިޗް ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ދަށްވުމާއި ދަރަނި އިތުރުވުމާއި ދަރަނި ނުދެއްކޭނެކަމުގެ ބިރު ބޮޑުވުމުންނެވެ.

ރާއްޖޭގެ ރަސްމީ ރިޒާވުގައި މިވަގުތު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ. ނަމަވެސް އެންމެ ފަހުން އާންމުކުރި ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ. ރިޒާވް ރަނގަޅު ކުރުމަށް މޯލްޑިވްސް މަނިޓަރ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އިންޑިއާއާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ހަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް