ads
ރައީސް، ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު - ފޮޓޯ/ ރައީސް އޮފީސް
އިގުތިސާދު އަންނަނީ ރަނގަޅު ބިންގާގެ މަތީގައި ބިނާވަމުން: ރައީސް
އިގުތިސާދު އަންނަނީ ރަނގަޅު ބިންގާގެ މަތީގައި ބިނާވަމުން ކަމަށާއި މެދު އަދި ދުރު ރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީގެ ބިންގަލެއް އަޅަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެ މަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އެންމެ ބޮޑު ކަމަކަށް އޮތީ ރާއްޖޭގެ އިގުތިސާދީ ހާލަތު ކަމަށެވެ. އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި އެކަމުގެ ބިންގާ އެޅެމުންދަނީ ރަނގަޅަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އިގްތިސޯދު އޮތީ ރަނގަޅަށް ކަމަށާއި، އިތުރަށް ރަނގަޅުކޮށް ހަމަޔަކަށް އަޅުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

ރައީސް ވިދާޅުވީ، ފަރުދާގެ ފުރަގަހުގައި ބައިވަރު މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެއީ އެ މަނިކުފާނު އެކި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ވެސް ނަތީޖާ ކަމަށެވެ. އޭގެ ތެރޭގައި ތުރުކީ އާއި ޗައިނާ އަދި އިންޑިއާގެ ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ހާރިޖީ ގުޅުން ރަނގަޅު. އިގުތިސާދު ރަނގަޅު ބިންގާގެ މަތީގައި ބިނާވަމުން އެ ދަނީ، އެހެންވީމާ ވަރަށް ކުރުކޮށް ދަންނަވަންޏާ ވަރަށް ރަނގަޅު ބިންގަލެއްގައި މެދު އަދި ދުރު ރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީއެއް ދިވެހިން ދެކޭތަން ފެންނާނެ އިރާދަކުރެއްވިއްޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު އެކި ފަރާތްތަކަށް ނުދެވި ހުރި ފައިސާދިނުން ކަމަށެވެ. އެގޮތުން، މަސްވެރިންނަށްވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިގްތިސާދު ރަނގަޅުވަމުންދާކަމަށް ވިދާޅުވި އެވެ. 

އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން މި އަހަރަށް ކަނޑައެޅި ބައި ނިންމުމުގެ އިތުރުން ގެދޮރުގެ މަޝްރޫއުތަކަށް ވެސް އިންޑިއާ އާއި ޗައިނާ އިން އެކި ކަހަލަ ފުރުސަތުތައް ހަމަޖެހެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޗައިނާއާއި އިންޑިއާ ފަދަ ގައުމުތަކުން މާލީ އަދި އިގުތިސޯދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުޞަތުތައް ފަހިވަމުންދާކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައް ފަރުދާގެ ފަހަތުގައި ހަލުވިކަމާއެކު ހިނގަމުންދާ ކަމަށެވެ.

"މި ކަންކަމުގައި އިނީޝަލް ސްޓޭޖުގައި ސަރުކާރެއްގެ ތެރޭގައި، ސަރުކާރު ހިންގުމުގައި އުޅުއްވި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ އިނީޝަލް ސްޓޭޖުގައި ވަަރަށް ގިނަ ވަގުތު ދާކަން. ޕްރިމިލިނަރީ ސްޓޭޖު، ދެން ގޮސް ބައިވަރު ސްޓޭޖުތަކުން ގޮސް ފައިނޭންސިން ހަމަޖެހިގެން ގޮސް ގިނަ ފަހަރު ހަމަ އަހަރެއްހާ ދުވަސް ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ،" ރައީސް ވިދާޅުވި އެވެ. 

ސަންގް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގެ އިގްތިސޯދާ ބެހޭ ގޮތުން ކުރެއްވި ސުވާލަކަށް ރައީސް މިފަދައިން ޖަވާބުތައް ދެއްވި ނަމަވެސް އިގްތިސޯދީ ގޮތުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓެމުން ދަނީ މުއިއްޒުގެ ސަރުކާރަށް މެނޭޖުކުރަން ނޭނގިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް