ads
ދޫކޮށްފައި ނުދާށޭ.. - 37 ވަނަ ބައި
އެޕިސޯޑް 37
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އިހްތިޔާރުން ބޭރުން ދެމީހުން އެކުގައި އަޑުވީއްލައި ހޭން ފެށިވަގުތު ދޮރުގައި ޓަކި ޖަހަލި އަޑު އިވުނެވެ.

"އެތެރެއަށް ވަދޭ.."

އެވަގުތު ދޮރުގައި ޓަކިޖަހާނީ، އަންކަލް ނުވަތަ ބޮޑުދައިތަކަން އެނގިހުރެ އަޔާން، ވަގުތުން ހުއްދަދިނީ އެތެރެއަށް ވަނުމެށެވެ. އަމީރާ އަވަސްވެގަތީ އަޔާން އާއި ދުރަށް ޖެހިލުމަށެވެ. ނަމަވެސް އެންމެ ތަންކޮޅެއްވެސް އަޔާން ދޫނުދިނެވެ. ލާނެއް ގޮތަކަށް އަމީރާގެ އަތް ގެނެސް އަޔާންގެ މޭމަތީގައި ބާއްވާފައި، އަތުގައި ބާއްދާލި އެވެ.

އައިޝާ ދޮރުހުޅުވާލިއިރުވެސް އަޔާންއޮތީ އަމީރާގެ އުނގުގަ އެވެ. ލަދުން އިސްޖަހައިލީ އަމީރާ އެވެ. ދޮރުމަތީގައި ހުރި އައިޝާއަށް ފެނުނު އުފާވެރި މަންޒަރުން ހިނިތުންވެވުނީ އިހްތިޔާރަކާނުލަ އެވެ. ހަގީގަތުގައިވެސް ހަޔާތުން ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގައި އަޔާން "ބެލެހެއްޓޭނީ" ހަމައެކަނި އަމީރާއަށްކަން، އައިޝާގެ ހިތުގެ އަޑިން ގަބޫލުކުރި އެވެ. ނަމަވެސް އެތަނަށް އެވަގުތު އަންނާންޖެހުނީ ކޮން ސަބަބަކާހުރެކަން ހަނދާންވުމުން މޫނުމަތީގެ ކުލަ ބަދަލުވެ، އިސްޖަހައިލި އެވެ. އަދި އެތައް ދުވަހަކަށްފަހު ފެނުނު އުފާވެރި މަންޒަރު، ފަނޑުކޮށްލާން ޖެހުމުން އަމިއްލަ ނަފުސަށް ކުދިކިއުނެވެ.

ވަގުތުގެ ސީރިއަސްކަން ވިސްނުނީ އަޔާންއަށެވެ. އަމީރާގެ އުނގުން ތެދުވެ، ލައިގެންހުރި ޓީޝާޓް ރަގަޅުކޮށްލަމުން އައިޝާއަށް އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. ކަޅިޖަހައިނުލައި އަޔާން ބަލަމުންގެންދިޔައީ އަމީރާގެ މޫނަށެވެ. ދާބޮކިތައް ފާޅުވަމުންދިޔަ ނިއްކުރިއާއި މޫނުމަތީގެ ނުތަނަވަސްކަން އަޔާންގެ ހިތް ބިރުގަންނަވާލި އެވެ. ސުވާލުކުރަން ބޭނުންވިޔަސް އެވަގުތު އަޔާންގެ ދުލުން ބަހެއް ނުބުނެވުނެވެ.

އަމީރާއަށް ފަހަގަކުރެވުނީ ފުރަގަހަށްލައި ފޮރުވާފައިވާ އައިޝާގެ ދެއަތުގައި ކޮންމެވެސް އެއްޗެއް އޮތްކަމެވެ. 

"ބޮޑުދައިތަ އެއްޗެއް ހިފައިގެންތަ ތިއައީ..؟" ހައިރާންވެފައި އަމީރާ ސުވާލުކޮށްލި އެވެ.

ޖަވާބުދިނުމުގެ ބަދަލުގައި އައިޝާ ބަލައިލީ އަޔާންގެ މޫނަށެވެ. އެކަކުއަނެކެއްގެ ހާލަތު ދެނެގަތީ ހިމޭންކަމާއި މޫނުމަތީގެ ހިތްދަތި އަސަރުތަކުންނެވެ. ލޮލުން ވެއްޓުނު ކަރުނައާއެކު އައިޝާ އިސްޖަހައިލީ އަޔާންގެ ލޮލަށް ބަލަން ކެތް ނުވީމަ އެވެ. 

އަޔާންއާއި ދުރަށްޖެހިލަމުން އަމީރާ ތެދުވި އެވެ. ހިމޭންވެފައިވާ ދެމީހުންނަށް ބަލައިލަމުން ނިއްކުރިއަށް ރޫ އަރުވައިލެވުނީ މާހައުލުގެ އަމާންކަން އަމީރާއަށްވެސް އެވަގުތު ފަރުވާއަކަށް ފުދޭތީ އެވެ. ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑު ކަންފަތާއި ސިކުނޑީގައި ހަރުލައިފި އެވެ. އަޔާންއާއި އައިޝާގެ މޫނަށް ބަލައިލަމުން އަމީރާ މިސްރާބުޖެހީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. 

"ބޮޑުދައިތާ..؟" ވަރަށް އޯގާތެރިކަމާއި ލޯތްބާއެކު އަމީރާ ގޮވައިލީ އައިޝާގެ ކޮނޑުގައި ފިރުމާލަމުންނެވެ.

އަމީރާގެ ފިރުމާލުމުން އައިޝާއަށް ލިބުނީ ކޮން ހިތްވަރެއްކަން އޭނާއަށްވެސް ނޭގުނެވެ. ފުރަގަހަށްލައި ފޮރުވާފައިވާ ފޮތް ދިއްކޮށްލީ އަމީރާއަށެވެ. އަޔާންގެ އެއްވެސް ހަރަކާތެއްނެތެވެ. ފެންނަމުންދިޔަ މަންޒަރުން އޭނާގެ އެސްފިޔޔަތަކަށް ހުއްޓުންއެރީ، ވާނުވާ ނޭގުނީތީ އެވެ.

އައިޝާ ދިއްކޮށްލި ފޮތުގައި އަމީރާހިފި އެވެ. އަތް ތުރުތުރު އަޅާކަން އިނގުނީ އަތުގެ މުލައްދަނޑީގައި އައިޝާ ހިފަހައްޓާލީތީ އެވެ. އަމީރާއަށް ބެލެމުންދިޔައީ އަތުގައި އޮތް ފޮތުގެ ބަނޑޭރިގަނޑަށެވެ. 

"މަ ން މަ ގެ  ލޯ ބި ވާ  އަ ޔާ ން އަށް ...!!" ނުހަނު މަޑުމަޑުން އަދި ލަސްލަހުން އަކުރުތައް އަމީރާ ފާޅުކޮށްލި އެވެ. އަޔާންގެ ނަޒަރު ހަމަ އެސިކުންތުގައި ހުއްޓުނީ އަމީރާގެ އަތުގައި އޮތް ފޮތަށެވެ. 

"މިއީ ދަރިފުޅުގެ މަންމަގެ އަމާނާ ތެއް...!" ނޮޅިފައިވާ ސުތުލިގަނޑެއް ހިމަ ތިނޯހެއްގެ ފަގައިގެ ތެރެއިން، ދަމައިގަންނަ ފަދައިން އަޔާންގެ ހިތުގެ ހިމަ ނާރުތައް އިރާލިހެން ހީވި އެވެ. އިވުނު އަޑާއެކު ލިބުނު ވޭނުގައި ދެލޮލުން އޮހޮރިގަތީ ހޫނު ކަރުނަ އެވެ. 

އަމީރާ ރޯންފެށީ ހިތްދަތި ގޮތަކަށެވެ. އަޔާންގެ ވޭނީ ކަރުނައަށް އަމީރާގެ ހިތް ފަރިތައެއް ނޫނެވެ. އެމަންޒަރަށް ލޯ ނުވެސް ހޭނޭނެ އެވެ. 

"ހިތްވަރުކުރޭ ދަރިފުޅާ..! މިއީ އަޔާންއަށްޓަކައި ދަރިފުޅު ހިތްވަރު ނެރެންވީ ވަގުތު..!" އަމީރާގެ ކޮންޑުގައި ހިފަހައްޓާލަމުން އައިޝާ ބުނެލުމާއެކު ރޮމުން ފުރަގަސްދީފި އެވެ. 

އަދި ހިނދުކޮޅެއްގެ ތެރޭގައި އައިޝާ ހިގައްޖެ އެވެ. އަމީރާއަށް ބަލައިލެވުނީ އަތުގައި އޮތް ފޮތަށެވެ. ފަށުވީގެ ހިއްގައިމު، އުނދަގޫ މަސައްކަތެކެވެ. ކަޅުކުލައާއި އެންމެ ޝާހީ ގަދަނޫކުލައިގެ ފަށުވި ބަރަނި ބޭނުންކޮށްގެން މުޅި ބަނޑޭރިގަނޑު ޖަރީކޮށްލާފައިވެ އެވެ. ބަނޑޭރިގަނޑުގެ މެދުގައި 'މަންމަގެ ލޯބިވާ އަޔާން އަށް' ލިޔެފައިވަނީ ތިނޯހުގެ އެންމެ ހުނަރުވެރި މަސައްކަތްތައް ދައްކުވައިދޭފަދަ ކުޅަދާނަކަމާއެކު އެވެ. ލޮލުން ވެއްޓުނު ކަރުނައާއެކު ހިނިތުންވެވުނީ ބަނޑޭރިގަނޑުގައި ލޯތްބާއެކު ފިރުމާލަމުންނެވެ. ކިތަންމެ ހިތްއެދުނަސް، ބަނޑޭރިގަނޑު ހިއްލާލާކަށް އަމީރާ ބޭނުމެއް ނޫނެވެ.

އެއީ ހަމައެކަނި އަޔާންގެ ހައްގެކެވެ. ކަރުނައިގެތެރެއިން އިސްއުފުލާލާފައި އަމީރާ ބަލައިލީ ހަރަކާތް ހުއްޓިފައިވާ އަޔާންއަށެވެ. 

މަޑުމަޑުން ހިނގާލާފައި ކުރިއަށް ޖެހިލި އެވެ. އަޔާންގެ އަތުގައި ފިރުމައިލަމުން ހިނިތުންވި އެވެ. މާހައުލު ބަދަލުކުރުމަކީ އަމީރާގެ ޒިންމާއެއްކަން އޭނާ ދެނެގަތެވެ. އެނދުމަތީގައި ފޮތްބާއްވާފައި އަޔާންގެ އަތުގައި ހިފާލި އެވެ. 

"އަޔާން...! މިއޮތީ މަންމަގެ އަމާނާތެއް..! މިއީ މަންމަގެ އެންމެ ލޮބުވެތި ހަނދާން.. މި ފޮތް ހުޅުވުމުގެ ހަމައެކަނި ހައްގުވެރިޔަކީ ތިއީ..! ޔޫ އަރ މައި ސްޓްރޯންގް ބޯއި.." ލޯތްބާއެކު ބުނެލަމުން އަޔާންގެ ގައިގައި ބައްދާލލި އެވެ.

ބުރަކަށީގައި ފިރުމާލާފައި، އަޔާންގެ މޫނުގެ ދެފަރާތުގައި އަމީރާ ހިފަހައްޓާލި އެވެ. އަދި ހަތަރުކަޅި ހަމަވި ވަގުތު އަޔާންގެ ތުންފަތަށް އަމީރާގެ ނަޒަރު ސީދާކޮށްލި އެވެ. ލަދުވެތިކަމާއެކު އެސްފިޔަ ތިރިކޮށްލަމުން އަމީރާގެ ހޫނު ނޭވާއިން އަޔާން، އިޝްގުގައި ހައްޔަރުކޮށްލި އެވެ. ކިތަންމެ ހިތްދަތި ވަގުތެއްކަމަށްވިޔަސް، އެނޫންގޮތެއް އަމީރާއަށް ނެތުނީ އެވެ.

.................

"ކިހައި އިރަކު ތިހެން ކޮޅަށް ހުންނާން ގަސްތުކޮށްގެން އައިޝާ ތިހުރީ..؟" އަޔާންއާއި ބައްދަލުކުރާން ގޮސްފައި އައިފަހުން އައިޝާ އަނގަޔަކުން ނުބުނެ އެވެ. ކުޑަދޮރުން ބޭރު ބަލަހައްޓއިގެން، ގަސްތަކުގެ ހަރަކާތް ސިކުނޑީގައި ރެކޯޑްކުރަނީހެންވެސް ހީވެ އެވެ. އައިޝާގެ ކަރުނައާއި އެކަނިވެރި އިހްސާސްތަކަށް ވަގުތުދީގެން މުންޝިރުއިނީ އޭނާގެ ހިތަށް ފަސޭހަވެގެނެއްނޫނެވެ. މުންޝިރުގެ އަޑު އައިޝާއަށް އިވޭހެން ހީނުވުމުން، އޭނާ ކުޑަދޮރުކައިރިއަށް ޖެހިލި އެވެ. އަދި ލޯތްބާއެކު އަނބިމީހާގެ ގައިގައި ފުރަގަހުން ބައްދާލާފައި އައިޝާގެ ހަށިގަނޑު މުންޝިރުގެ ކޮންޓްރޯލްގެ ދަށަށް ގެނަ އެވެ.

"އަލީޒީ އަހަރުމެންނާއެކު ނެތްކަމުގެ ހިތާމައަކީ އުމުރު ދުވަހަށްވެސް ފިލައިގެންދާނެ ހިތްދަތިކަމެއް ނޫން.. އަހަރުމެންގެ ޒިންމާއަކީ ތަގުވާވެރިކަމާއެކު ދުނިޔެއާއި ދިރިއުޅުން އާރާސްތުކުރުން.. އަހަރުމެންގެ ވިޔަފާރިއަކީ އަލީޒީގެ އުފެއްދުމެއް.. އެ އުފެއްދުން ދާއިމަށް ކާމިޔާބުކުރެވޭނީ އައިޝާގެ ފުރިހަމަ އެއްބާރުލުން ކުރިއެކޭވެސް އެއްގޮތަށް އެ މަސައްކކަތުގައި ލިބިގެން.. އެއީ އަލީޒީވެސް އެކަން ބޭނުންވާގޮތް.. ނޫންތަ؟ ވަރަށް ބަނޑުހައިވެސް ވެއްޖެ..!" އައިޝާއަށް ވިސްނައިދިނުމަށް މުންޝިރު ވާހަކަދެއްކީ ނުހަނު ލޯތްބާއެކު އެވެ.

"އައި އެމް ސޯ ސޮރީ... އަހަރެންގެ ހިތާމައިގައި މުންޝިރުއާއި އަދި އަހަރުމެންގެ ދިރިއުޅުމަށް ފަރުވާކުޑަކުރެވުނީ ގަސްތަކު ނޫން.." ފެން ކަޅިވެފައި މަޑުމަޑުން އައިޝާ ބުނެލި އެވެ.

"އިޓްސް އޯކޭ މައި ލަވް.. އެއްވެސް ކަމެއް ނޫން.." ކުރިއަށްވުރެން ބާރަށް ބައްދާލަމުން މުންޝިރް ބުންޏެވެ. އަދި އައިޝާގެ ހަށިގަނޑުގެނެސް މުންޝިރުގެ ދެއަތުގެ ތެރޭގައި ކުރިއަށްވުރެން ބާރަށް ބޮނޑިކޮށްލި އެވެ. 

.................

އަމީރާގެ މޭގައި ބޯއަޅައިލައިގެން އަޔާން އޮތީ ދެލޯމަރައިގެންނެވެ. ދެއަތުން ބައްދާލައިގެން އޮތީ މމަންމަގެ ޑައިރީގަ އެވެ. ފޮތް އޮތީ އަޔާންގެ މެޔާއިލައި ފިއްތާލާފަ އެވެ. އަޔާންގެ އިސްތަށިގަނޑުގައި އަމީރާ ފިރުމަމުންދިޔަ އެވެ. ދޭތެރެއަކުން އަޔާންގެ ބޮލުގައި ތުންފަތް ޖައްސައި ބާރުކޮށްލަ އެވެ. 

"ކަޅުވިލާގަނޑުން ވެހޭ ފެންފޮދާއި ނުލައި ފިނިފެންމަލެއް ވުޖޫދު ނުވެ އެވެ. ރިހުމާއި ވޭނާއި ނުލައި އިންސާނަކު ފުރައިފުރިހަމަނުވެ އެވެ."

ފޮތުގެ ބަނޑޭރިގަނޑު ހުޅުވާލާފައި އަޔާން ކިޔައިލީ އެފޮތުގެ ފުރަތަމަ ގަނޑުގެ މެދެއްހައި ހިސާބުގައި ކަޅުކުލައިން ލިޔެފައިވާ މާނަ ފުން، ލިޔުންކޮޅެކެވެ. ހަތަރުފަސްފަހަރަށްވުރެން ގިނައިން އެތަންކޮޅު ތަކުރާރުކޮށްފި އެވެ. ބައިގަޑީރުވެގެންދިޔައިރުވެސް ފޮތުން ގަނޑެއް އެއްލާން އަޔާން ހިތައްވެސް ނާރަ އެވެ. 

"ފޮތުގައި އޮތްއެއްޗެއް އިނގޭނީ ފޮތް ހުޅުވާލާފައި ދެންހުރި ސަފްހާތައްވެސް ބަލާލީމަ ދޯ.." އަޔާންގެ ނިއްކުރީގައި އަމީރާގެ ނިއްކުރިޖައްސާލާފައި ދެ ލޯމަރައިލަމުން ބުންޏެވެ. 

"ޓްރޫ..! ކިތަންމެ ގަދަ ވޭނަކަށްވެސް ކެތްކުރެވޭނެ.. އެކަމަކު، ޕްރިންސެސް އަހަރެންނާއެކު ތިހެން ހުރިއްޔާ..!" ލޯމަރައިގެން އޮވެ އަޔާން ބުންޏެވެ.

"އޯލްވޭޒް މައި ލަވް! އަޔާން ދޫކޮށްލާފައި އަމީރާ ދާންއޮތީ ކޮންތަނެއް..؟ ދެން އޮތް ގަނޑު އެއްލީމާ، އެ ސަފްހާގައި އޮތް އެއްޗެއް ފެންނާނީ.." ލޯތްބާއެކު އަމީރާބުނެލި  އެވެ. ފުން ނޭވާއެއްލާފައި އަޔާން ބަލައިލީ އަމީރާގެ މޫނަށށެވެ. ހިތްވަރުކޮށްފައި އަނެއް ސަފްހާއެއްލި އެވެ. 

"ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅަކީ އެކަނިވެރިއެއްކަމުގައި ދުވަހަކުވެސް ހީނުކުރައްޗެވެ. މަންމަ ކިތަންމެ ގާތުގައި ވިޔަސް، އަދި ކިތަންމެ ދުރެއްގައި ވިޔަސް، ދަރިފުޅުގެ ހިތުގައި އަބަދަށް މަންމަ ވާނަމެވެ! އަބަދުވެސް ޔަގީންކުރާށެވެ. ދަރިފުޅުދެކެ އިންތިހާއަށް މަންމަ ލޯބިވެ އެވެ."

-ނުނިމޭ--

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް