ads
ފޮރިން މިނިސްޓަރު މޫސާ ޒަމީރު
ރާއްޖެއިން އައިއެމްއެފްގެ އެހީ ހޯދަން ޖެހޭނެކަމަކަށް ނުބެލެވޭ: ޒަމީރު
ދިވެހިރާއްޖޭގެ އިގުތިސޯދަށް މިވަގުތު ދިމާވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއްކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ އެހީ ހޯދަންޖެހޭ ހިސާބަށް ރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށްނުވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

ޒަމީރު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ސްރީ ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ ގައުމުގެ މަރުކަޒީ ބޭންކާއި ދާއިރާގެ އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

ޒަމީރު ވިދާޅުވީ، ދަރަނި އަދާ ކުރުމަށް ޓެކްސް އަށް ބަދަލު ގެނައުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށްގެން ނަތީޖާ ފެންނާނެ ކަމަށެވެ.

ޒަމީރު ވިދާޅުވެފައިވާގޮތުގައި ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވާނެ ބައިނަލްއަގްވާމީ ބައިވެރިން އެބަ ތިއްބެވެ.

"އަޅުގަނޑުމެން ބޭނުންވާ ކަންކަމާއި ހާލަތަށް ވަރަށް ބޮޑު އިސްކަމެއްދޭ ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި،" ރޭގެ ވަގުތެއްގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ޓެކުހުގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް ރިޕޯމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާއެކު ލިކުއިޑިޓީ އިތުރުވާނެ ކަމަށެވެ. މިނިސްޓަރު ވަނީ ޗައިނާއާއި އިންޑިއާއާއެކު އޮތް ގުޅުމަށްވެސް އަލިއަޅުވާލައްވާފަ އެވެ. ވިދާޅުވީ، މި 2 ގައުމާއެކުވެސް މިހާރު ރާއްޖެއިން އޮތީ ވަރަށް ގާތް ވަރުގަދަ ގުޅުމެއްކަމަށެވެ.

"އަޅުގަނޑުމެންނާއި އިންޑިއާ އަދި ޗައިނާއާ ދެމެދު ވެސް އޮތީ ވަރަށް ބަދަހި ގުޅުމެއް. އެ ދެ ގައުމުން ވެސް އެއްވެސް މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭ،" ޒަމީރު ވިދާޅުވި އެވެ.

މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފަ އެވެ. އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ. 

އައިއެމްއެފްގެ ޕެކޭޖަށް ގައުމަކުން ހިނގައްޖެ ނަމަ އެ ގައުމުގެ އެތެރޭގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހެ އެވެ. މިސާލަކަށް ސިވިލް ސާވިސް ކަހަލަ ދާއިރާތަކުން މުވައްޒަފުން ވެސް މަދުކުރަން ޖެހޭ ހާލަތަށް، އައިއެމްއެފްގެ ޕެކޭޖްގައި ހިނގައިދާނެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރޭޓިން އޭޖެންސީތަކުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ދާދިފަހުން ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ބައެއް ކުންފުނިތައް އެއްކޮށްލާއި އަދި އެހެން ބައެއް ކުންފުނިތައް އުވާލަން ވެސް ނިންމައިފަ އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވުގައި މިވަގުތު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ. ނަމަވެސް އެންމެ ފަހުން އާންމުކުރި ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ. ރިޒާވް ރަނގަޅު ކުރުމަށް މޯލްޑިވްސް މަނިޓަރ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޯގަސްޓް މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފަ އެވެ. އެގޮތުން ބޭނުންކުރެވޭ ރިޒާވުގައި ޖުލައި މަހުގެ ނިޔަލަށް ހުރީ 45 މިލިޔަން ޑޮލަރުކަމަށް އެމްއެމްއޭއިން ބުނެ އެވެ. ނަމަވެސް މިއަދަދު މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވެ އެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް