ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
މަންމަގެ ހުނަރުވެރި، ހިތްގައިމު އަތުލިޔުމުގައި އަޔާން ތަކުރާރުކޮށް ފިރުމި އެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނައަކީ މަންމައަށް އެދި ދަރިޔަކު ރޯރުއިމެވެ. އެތައް އަހަރެއްކުރީންވެސް މަންމަ އިންތިޒާރުކުރަމުންދިޔައީ މިދުވަހަށްކަން އިނގުމަކީ އަޔާންކަހަލަ ދަރިއަކަށް އުފުލަން ފަސޭހަ ހިތާމައެއް ނޫނެވެ. ލޯތްބާއެކު ފިރުމާލަމުން އަޔާންގެ ކަރުނަ ފޮހެލައިދިނީ އަމީރާ އެވެ.
ދެން އޮތް ސަފްހާއަށް ގަނޑު އެއްލީ އަޔާން އެވެ.
'ދަރިފުޅާ އެވެ. މަންމަގެ އަނދިރި ހަޔާތުން ނެރި، އަލިކަމުގެ ތެރެއަށް ނޭވާލެވުނީ ތިޔަ ލޮބުވެތި ދަރިފުޅުގެ ސަބަބުންނެވެ. ދުނިޔޭގައި ދަރިން ފަހުރުވެރިވަނީ މައިންބަފައިންގެ ކާމިޔާބާއި ކުރިއެރުމުގެ ސަބަބުންކަމަށް ވެދާނެ އެވެ. އެކަމަކު މިއަދު ބުނެލަން ބޭނުމެވެ. މަންމަގެ ފަހުރާއި ޝަރަފަކީ މަންމަގެ ލޯބިވާ ދަރިފުޅެވެ. ދަރިފުޅުގެ ގާބިލްކަމާއި ހިތްވަރާއި މިންނެއް މަސައްކަތުން ދުނިޔެއަށް ދައްކުވައިދިން ރީތި މިސާލުން މި މަންމަގެ ހިތް ފުރިއްޖެ އެވެ. މިއަދު މަންމަ ގަބޫލުކުރަނީ، މަންމަ ވަރުގެ އުފާވެރި އަދި ނަސީބުވެރި މަންމައަކު ދުނިޔޭގެ އެހެން އެއްވެސްތަނެއްގައި ނުވާނެކަމަށެވެ. އެންމެ އުފާވެރި މަންމައަކީ މިއަދު އަޔާންގެ މި މަންމަ އެވެ. މިއަށްވުރެން އުފާވެރި އިހްސާސެއް ދުނިޔޭގައި އިންސާނަކު ބޭނުން ނުވާނެކަމަށް މަންމަ ގަބޫލުކުރަމެވެ. މަންމަ އެދެނީ ދަރިފުޅަށް ކާމިޔާބާއި ކުރިއެރުމެވެ. އިން ޝާ ﷲ މަންމަ ދަރިފުޅާއި ބައްދަލުކުރާނީ ސުވަރުގެއިންނެވެ'
-އަބަދުވެސް އެންމެ ލޯބިވާ މަންމަ-
އަޔާންގެ ނިއްކުރީގައި އަމީރާގެ ތުންފަތް ޖައްސައި ފިއްތާލި އެވެ. ދެ ލޯ ފުރެމުންދިޔަ ކަރުނައިގެ އޮއެވަރު ހުއްޓުވަން އަމީރާއަށް މަޖުބޫރެވެ. ދެއަތުގެ ތެރޭގައި އަޔާން ބޮނޑިކޮށްލެވުނީ ގިސްލުމުގެ އަޑުން އަޔާންއަށް ލިބެމުންދިޔަ ވޭން ލުއިކޮށްދިނުމަށެވެ.
"އައި ކާންޓް ޑޫ ދިސް... އައި ޖަސްޓް ކާންޓް... ޕްރިންސެސް، އައި ކާންޓް.." ރޮމުން ގިސްލަމުން އަޔާން ބުނަމުންދިޔަ އެވެ. މަންމަގެ އިހްސާސްތައް އަޔާންގެ ހިތާއި ދުލުން ކިޔުމަކީ އެދަރިއަށް ކުޅަދާނަކަމަކަށްނުވި އެވެ.
"ޔޫ ކޭން ބޭބީ... ޔޫ ކޭން..! ޔޫ އަރ މައި ސްޓްރޯންގް ބޯއި.. އައި ލަވް ޔޫ ސޯ މަޗް މައި ލަވް..! އައއެމް ހިއަރ ފޯރ ޔޫ ބޭބީ.." އަމީރާގެ ލޯތްބަކީ އަޔާންއަށް ފަރުވާއެކެވެ.
ދެހިތުގައި ޖަހަމުންދިޔަ ލޯބީގެ ވިންދު، އެހެން އިންސާނަކަށް އިހްސާސްނުވާނެ އެވެ. އެދެމެދުގައި ވަނީ ލޯތްބާއި އިތުބާރެވެ. އިހްތިރާމާއި ގަދަރެވެ.
"ހިތްވަރުކޮށްލާ އަޔާން..! ހިތްބުނަނީ، މި ސަފްހާތަކުގައި މިއަށްވުރެން މާ ހިތްދަތި ވާހަކަތަކެއް އއެބަހުއްޓޭ.. އެހެންނޫންނަމަ، މަންމަގެ މިވަރު އަމާނާތެއް އަހަރުތަކެއް ވަންދެން ބޮޑުދައިތައާއި ހަވާލުކޮށްފައި ނުބާއްވާނެ.. އެ ވޭންތަކަށް މަންމަ ކެތްކުރި..! އެ އަޑުތައް އަހަން، މަންމަގެ ލޯބިވާ އަޔާންއަށް ކެތްވާނެ..! ތިއީ މަންމަގެ ހިތްވަރުގަދަ ދަރިފުޅު.. އަޔާންއއަށް މިކަން ވާނެ..!"
އަމީރާގެ ލޯތްބާއި އޯގާތެރިކަމުން އަޔާންއަށް ލިބެމުންދިޔަ ހިތްވަރު އޭނާގެ ދެ ލޮލުން އަމީރާއަށް ފެނެ އެވެ. ދެލޮލުގައި ތުންފަތް ބީއްސާލަމުން މޫނުގެ އެތަން މިތަނުގައި ލޯބިކޮށްލި އެވެ.
"މިކަން ފަސޭހާކޮށްލަދީފާނަން...! އޯ- ކޭ- ތަ؟" އަކުރުތަކަށް ދަމާލާފައި އަމީރާ އަހައިލި އެވެ. އާއެކޭ ބުނުމަށް އަޔާން ހަރަކާތްކޮށްލީ ބޮލުގެ އިޝާރާތުންނެވެ.
"ގަނޑު އެއްލައިދޭނީ އަމީރާ... ކިޔާނީ އަޔާން..! ޑީލް ޑަން..!!؟؟" ލޯބިގޮތަކަށް އަމީރާ ބުނެލި އެވެ.
"ޔޯ ވިޝް އިޒް މައި ކޮމާންޑް ޕްރިންސެސް.." އަމީރާގެ ދެއަތް ގެނެސް މޭގައި ބޮނޑިކޮށްލައި ބައްދައިލަމުން އަޔާން ބުންޏެވެ.
ވަގުތު ބޭކާރުނުކޮށް އަމީރާގެ މަސައްކަތް ފަށައިފި އެވެ.
"ބިސްތޮށިން ނިކުތުމާއެކު ހާލީގެ ތެރޭގައި އޮތް ދޫނީ ގެނެސް، ރަނާއި މައުދަނުން ހަދާފައިވާ އަގުހުރރި ކޮއްޓެއްގައި ކިތަންމެ ރައްކާތެރިކޮށް ބަލަހައްޓައި ބޮޑުކުރިޔަސް، މާތްﷲ އެ ދޫނި ހެއްދެވީ އެ ކޮށީގައި ދިރިއުޅެ، އޭގައި ދިރިއުޅުން އާރާސްތުކުރާކަށް ނޫނެވެ."
މަންމަގެ ހަޔާތުން އެ ތޫފާނީ ހާދިސާއާއި ކުރިމަތިލުމާއި ހަމައަށް އުޅެ ބޮޑުވީ، ގަނޑުވަރެއްގައި ފުރިހަމަވަމުންއައި ޕްރިންސެސްއެއް ފަދައިންނެވެ. އެންމެ ލޮބުވެތި ގުޅުމުން ފެންނަމުންދިޔަ ސިފަތަކުން 'ނުރައްކާ' ފާހަގަކުރާން މަންމައަށް ނޭގުނީ 'މައިންބަފައިންނަށް' ދަރިއެއްގެ ހިތުގައި ދެވިފައިވާ ގަދަރެއްގެ ބޮޑުކަމުންނެވެ. ބައްޕައަކީ ޖަވާހހިރެއްކަމާއި މަންމައަކީ ހިޔަމައެއްކަން ދެނެގަތުމުގައި މި ދަރިފުޅު ފެއިލްވީ އެވެ.
މަންމަގެ ހަޔާތުން ދަރިފުޅަށް އެގެންޖެހޭ، މުހިއްމު ސަފްހާތަކެއް އެބަހުއްޓެވެ. މި ސަފްހާތައް ފަށާނީ މަންމަގެ ހަޔާތުން ކިހާހިސާބަކުންތޯ އަމިއްލަ ނަފުސާއި ކިތަންމެ ފަހަރަކު ސުވާލުކުރީމެވެ. ޖަވާބެއް ނުލިބުމުން ކޮންމެވެސް މިންވަރެއް ބުނެދެވޭތޯ މަސައްކަތްކުރާނަމެވެ.
މި ފޮތް ލިޔަން މަންމަ ފެށީ، ނިންމާލެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި އެވެ. މަންމައަށް ދުނިޔޭގައި ބާކީ އޮތް މިންވަރެއް ނޭގުނަސް، އުއްމީދުގެ ހުޅުކޮޅުން އަލިކަން ލިބޭތޯ ބަލަމުން މި ގަލަމުގެ ތުނޑު ކުރިއަށް ހިންގާލާނަމެވެ.
ދަރިފުޅާ އެވެ. ހަގީގަތަކީ މިއަދު މަންމަގެ ހިތާއި ސިކުނޑިވަނީ އައްސިވެ ދިރުންކެނޑިފައިކަމެވެ. އެއްވެސް އިހްސާސެއް މި ހިތުގައި ނުވެ އެވެ. ރިހުމާއި ވޭނަކީ މަންމައަށް ތަކުލީފެއް ނޫނެވެ. މި ސިކުނޑީގައިވަނީ ހުސްކަމެވެ. އުފަލެއް ހިތާމައެއް ވަކިކުރާން ނޭގި، ޖިސްމާނީ އަދި ނަފްސާނީގޮތުން މަންމަ ވަރުބަލިވެއްޖެ އެވެ.
އުއްމީދުގެ ވިންދެން ނެތް ހާލުގައިވެސް މަންމަ ހިތްވަރުކުރީމެވެ.
މާލޭގެ މަގުތަކުގެ ދުވާރުމަތީގައި އެތައް ރެއަކު ނިދީމެވެ.
ރެސްޓޯރަންޓްތަކުން އުކާލާ ކާއެތިކޮޅުގެ އިންތިޒާރުގައި އެ ތަންތަނުގެ ދޮރުބުޑުގައި އެތައް ރެއަކު ހުރީމެވެ.
ވަންނާނެ ގެދޮރެއް، ބޯ ހިޔާކޮށްލާނެ ތަނެއް ނެތެވެ. ބައެއް ރަށްޓެހިން މެދުވެރިކޮށް، އެމީހުންގެ އަންނައުނުކޮޅެއް ލިބުނުކަން އެއީ މަންމަގެ ނަސީބެވެ. އާންމު ފާހާނާތަކާއި ބައެއް ކެފޭތަކުގެ ފާހާނާއަކީ މަންމަގެ 'އެކުވެރިންނެވެ'
ކާފައާއެކު ކުރެވުނު މަސައްކަތުގެ ތަޖުރިބާގެ ތެރެއިން ރައްޓެއްސަކާ ދިމާވީ އައިޖީއެމްއެޗާއި ދިމާއިން ތޮށިގަނޑެއްމަތީގައި އޮއްވަ އެވެ. ފެންފުއްޓަށް އާދެވުމުގެ އަސްލަކީ އެ ރަހްމަތްތެރިޔާ އެވެ.
މިރަށަށްއައިސް ދަރިފުޅުގެ ބޮޑުދައިތައާއި ދިމާވިގޮތް މިހާރު ދަރިފުޅަށް އޮންނާނީ އެނގިފައިކަމަށް މަންމަ ގަބޫލުކުރަމެވެ.
އަޔާން ފޮތް ލައްޕާލީ އިތުރަށް އެންމެ ލަފްޒެއްވެސް ކިޔާނެ ހިތްވަރެއް ނެތީތީ އެވެ. ބާލީސްދަށަށް ޑައިރީލާފައި އަމީރާގެ އުނަގަނޑުގައި އަޔާން ބައްދާލައިގެން މޫނު ފޮރުވާލި އެވެ. މަޑުމަޑުން އަޔާންގެ ބޮލުގެ އިސްތަށިގަނޑުގައި އަމީރާ ފިރުމަން ފެށުމާއެކު ވަރުބަލިކޮށް އެސްފިޔަތައް ލައްޕާލި އެވެ.
..................
އަޔާން ލޯ ހުޅުވާލީ ދެގަޑީރުގެ ހިމޭން އަރާމަކަށްފަހު އެވެ. އަމީރާގެ އުނގަނޑަށް ބާލީހެއް ލައްވާލާފައި ހަމަޖެހިލި އެވެ.
"އެއްޗެއް ކާލަން ބޭނުން...؟ ނުވަތަ ބޯލާނެ އެއްޗެއް ބަލައިދަންތަ..؟" ނިއްކުރީގައި ކިސްކޮށްލަމުން އަމީރާ ސުވާލުކޮށްލި އެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޔާން އެއްބަހެއް ނުވި އެވެ. ހިމޭން ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަދެއްކީ އަމީރާ އެވެ.
"އިތުރަށް ކިޔާލަން ބޭނުންތަ..؟" ލޯތްބާއެކު އަމީރާ ސުވާލުކޮށްލި އެވެ. އާއެކޭބުނެ ބޮލުން އިޝާރާތްކޮށްލުމުން ބާލީސްދަށުން ޑައިރީ ނަގާފައި އަމީރާ ބާއްވާލީ އަޔާންގެ މޭމަތީގަ އެވެ. އެއާއެކު ފޮތް ހުޅުވާލި އެވެ.
"މި ހަށީގައި ދިރުމެއް ނެތިފައިވަނިކޮށް، މަންމަގެ ބަނޑުން ދަރިފުޅު ފުރަތަމަ ފަހަރަށް ތޮޅެލި ރެއަކީ މުޅި ކާއިނާތައް ބިރުވެރި ތޫފާނަކުން ނާމާންކަން ލިބިފައިއޮތް ކަނު އަނދިރި ރެއެކެވެ. ފުރާނަ ގެންދަވާތޯ ދުއާކުރަމުން ދަނިކޮށް ދަރިފުޅުގެ އެ ހަރަކާތުން މަންމަގެ ދިރިއުޅުން ބަދަލުކޮށްލި އެވެ.
ދަރިފުޅާ އެވެ. މަންމައަށް މައާފްކުރާށެވެ! މަންމަގެ އަމިއްލަ އެދުމާއި އަމިއްލަ ރިހުމާއި އުފުލަމުންދިޔަ ވޭން ނޫން އެހެންއެއްވެސްކަމެއް މަންމަގެ ލޮލުކުރިމަތީން އޭރު މަންމައަށް ނުފެނެ އެވެ. ފަށްފަށުން ދަރިފުޅަށް ޝުކުރު މިކުރަނީ ނޫރެއްގެ ގޮތުގައި މަންމަގެ ހަޔާތަށް ދަރިފުޅު އައީތީ އެވެ. އަޅާލާނެ ވާލެއް އިޔާރެއް ނެތް މި އިންސާނާއަށް ދުނިޔޭގެ އެންމެ ސާފުތޯހިރު ގުޅުމުން ބާއްޖަވެރިކަން ގެނެސްދިންކަމަށްޓަކައި މަންމަގެ ހިތުގެ އެންމެ އަޑިން ދަރިފުޅަށް ޝުކުރުވެރިވަމެވެ.
މި މަންމަ، މަންމައަކަށްވީ ދަރިފުޅުގެ ސަބަބުންނެވެ. މަންމަގެ ހަޔާތުގައި ހަމައެކަނި ލިބުނު ފަހުރަކާއި އުފަލަކީ ތި ދަރިފުޅެވެ. ދިރިއުޅުމާއި ދިރިހުރުމުގެ ހަގީގީ މާނަ މި މަންމައަށް ދަސްކޮށްދިނީ ދަރިފުޅުގެ ހިނިތުންވުމެވެ. ދިރުމެއް ނެތް އިންސާނެއްގެ ހިނިތުންވުން ގެނެސްދެނީ ތި ލޯބި ލޯބި ދަރިފުޅެވެ. ކަރުނައިގެ ތެރެއިން ހިނިތުންވުމާއި ލޯތްބާއި އަޅާލުމާއި ދަރިއެއްގެ ކުލުނު މި މަންމައަށް ބުނެދިނީ މަންމަގެ އަޔާން އެވެ.
މަންމައެއްގެ ގޮތުގައި މި ނިކަމެތި އިންސާނާ ދުނިޔޭގައި ހޭދަކުރި އަޑިގުޑަންތަކާއި ނިކަމެތި ހާލަތްތަކުގައި މަންމައަށް ދުނިޔޭގެ ސަމުގާއިން މިސްރާބު ދައްކައިދިނީ ދަރިފުޅެވެ. ދަރިފުޅުގެ ހަޔާތުން ކޮންމެ ސިކުންތެއް ވެއަތުކުރީ މަންމައަށްޓަކައިކަން މި މަންމަ ފަހުރުވެރިކަމާއެކު ގަބޫލުކުރަމެވެ.
ދަރިފުޅާ އެވެ. މަންމައަށް މައާފުކުރާށެވެ. ކުޑަކުއްޖެއްގެ ހަޔާތުން އެންމެ އުފާވެރި ދުވަސްތައް ދަރިފުޅަށް ދިނުމުގައި މި ނިކަމެތި މަންމަވަނީ ފެއިލްވެފަ އެވެ. ދާދި ތުއްތުއިރުން ފެށިގެން މަންމަގެ ބެލެނިވެރިއެއްގެ ގޮތުގައިވެސް ފާރަވެރިވާން ޖެހުނީ މަންމަގެ ލޯބިވާ އަޔާންއަށެވެ. ދަރިފުޅަށް ހައްގުވާ މިންވަރުން އުފާވެރިކަން ހޯދައިނުދެވުމުގެ ހިތްދަތިކަން މި މަންމަގެ ފަހު ނޭވާޔަށްވެސް އުފުލާނަމެވެ. ދަރިފުޅަކީ ދުނިޔޭގެ ހުރިހައި އުފަލަކާއި ހިތްހަމަޖެހުމެއް ހައްގުވާ، މާތް ކުއްޖެކެވެ. މަންމަގެ ދުއާއަކީ މަންމަ ނެތް ދުވަހަކުންވެސް ދަރިފުޅުދެކެ ހަގީގީ ލޯބިވާނެ ކޮންމެވެސް ކުއްޖަކު ދަރިފުޅަށް ލިބުމެވެ.
މަންމަދެކެ އިންތިހާއަށް ދަރިފުޅު ލޯބިވާކަން މަންމަ ގަބޫލުކުރަމެވެ. އެކަމަށް ހައްގުވާ ޝުކުރުއަދާކޮށް ދުވަހެއްގައިވެސް ނިމުމެއް ނާންނާނެ އެވެ. މަންމަގެ ފަރާތުން ދަރިފުޅަށް ލިބުނު ނުތަނަވަސްކަމާއި މަންމައަށް ކުރެވިފައިވާ ހުރިހައި ނުރަނގަޅު ކަމަކަށް ދަރިފުޅު ހެޔޮހިތުން މައާފްކޮށްދެއްޗެވެ.
ދަރިފުޅު ކިބައިން މަންމަ އެދެނީ އެންމެ ކަމެކެވެ. މަންމަ 'ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާކަން' ދަރިފުޅު ހިތުގެ އަޑިން ގަބޫލުކުރުމެވެ. މިއަށްވުރެން ބޮޑު އެދުމެއް ނެތެވެ. މަންމަގެ ހަޔާތުން ސަފްހާތަށް ދަރިފުޅަށް ކިޔައިދޭނަމެވެ. މަންމަގެ ކުށެއް އޮތްކަމަށް ދަރިފުޅަށް ގަބޫލުކުރެވެންޏާއި އެކަމަކަށް މަންމައަށް މައާފުކޮށްދޭށެވެ. ނަމަވެސް މަންމަގެ ކުށެށް ނެތްކަމަށް ދަރިފުޅަށް ގަބޫލުކުރެވޭނަމަ، މަންމައަށް ހެޔޮދުއާ ކޮށްދޭށެވެ.
މިފަށަނީ މަންމަގެ ހިއްދަތި ސަފްހާތަކެވެ. އޭގެ ކުރިން ބުނެލާނަމެވެ. މަންމައަކީ ކާފަގެ ލޮލުގެ ނޫރެވެ. މާ ގާތްގުޅުމެއް ނެތަސް، މަންމައަކީ އެކުވެރިއެއްކަމުގައި އަބަދުވެސް ގަބޫލުކުރީމެވެ. ޕްރިންސެސްއެއް ފަދައިން ބޮޑުވީ، އެއްވެސް އެއްޗަކަށް މައިންބަފައިން ގާތުން އެދެން ނުޖެހި އެވެ. ހާއްސަކޮށް މިއީ 'ބައްޕަގެ ދަރިފުޅެކެވެ' މަންމައާއި މާބޮޑު ގާތްކަމެއް އުފެދިފައިނެތަސް، މަންމަފަރާތުން ލިބެންޖެހޭ އެއްވެސްކަމެއް އުނިވެފައިވާކަން ފާހަގަކުރެވިފައިނެތީ އެހުރިހައިތަނެއް ފޫބައްދާފައިވަނީ ބައްޕަ ކަމަށްވާތީ އެވެ.
އާދައިގެ މަތީން އެދުވަހުވެސް ހެނދުނުގެ ނާސްތާ ނިންމާލީ މަންމައާއި ބައްޕައާއެކު އެވެ. ދުވަހުގެ ހާއްސަކަމަކީ އެދުވަހަކީ ހަޔާތުގައިވެސް ފުރަތަމަފަހަރަށް އެކަނި، ސްކޫލަށްދާން ހުއްދަ ލިބުނު ދުވަހަށްވުމެވެ. އެތައް ނަސޭހަތަކަށްފަހު ބައްޕަގެ ފުރިހަމަ އިތުބާރާއެކު ގެއިން ނިކުތީ އަމާންކަމާއެކު މަންޒިކަށް ދެވޭނެކަމުގެ ފޮނި އުއްމީދުގަ އެވެ. ނަމަވެސް ވެހިފައިވާ ތޫފާނީ ވާރެއާއެކު ތަގުދީރުގައި ލިޔެވިފައިވަނީ މުޅިންތަފާތު ވާހަކަތަކެކެވެ.
މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން ދުވާރުމަތީގެ ހަލަބޮލިކަން ބޮޑެވެ. ފިކުރެއް ހިޔާލެއްނެތި، ސްކޫލަށް ދިއުމުގެ އުފާވެރި މަގުސަދަށް ލޮޅުމެއްއެރީ މަންމަގެ ކުރިއަށްޗަށް ކުއްލިޔަކަށް ވެއްޓުނު އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އެކުއްޖާގެ ބަހަށް، އެކުއްޖާއަށް އެހީތެރިވެދިނުމަށް އެއްބަސްވެވުމަކީ މަންމަގެ ދިރިއުޅުމުގެ އެންމެ ބިރުވެރި އަދި ހިތްދަތި ނިންމުމެވެ. އެދުވަހުގެ ހާދިސާއާއި އެކަން ހިނގާދިޔަގޮތް ތަފްސީލްކޮށް މި ލިޔަނީ އެވާހަކަތައް ހިތާއި ސިކުނޑިއަށް ގެންނާންވެސް މަންމައަށް ފަސޭހަވެގެނެއް ނޫނެވެ. އަދި މި ވާހަކަތައް ދަރިފުޅާއި ހިއްސާކުރުމަކީ މަންމައަށް ކިހައިވަރެއްގެ ވޭނެއްކަން ބުނެދެވޭނެ ގޮތެއް ނެތެވެ.
ދެން އޮތް ސަފްހާއަށް އެއްލުމުގެ ކުރިން ދަރިފުޅު ތަނެއްގައި އިށީނދެ ހަމަޖެހިލާށެވެ.
އަޔާން ބަލައިލީ އަމީރާގެ މޫނަށެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެ ގަނޑުއެއްލި އެވެ.
"ދަރިފުޅާ އެވެ..... އާއެކެވެ! ދަރިފުޅަކީ ބައްޕަ ސާބިތުނުވާ ކުއްޖެކެވެ. މަދުވެގެން ތިނެއް ގިނަވެގެން ހަތެއް ނުވަތަ އަށް މީހުން އެ އަނިޔާވެރި އަމަލުގައި ބައިވެރިވި އެވެ. އެއިގެ ފުރިހަމަ އަދަދާއިމެދު ވިސްނާކަށް މަންމަ ނެތީމެވެ. ބިރުވެރި ހާދިސާއިން އެންމެ ކަމެއް ދަރިފުޅުގެ ސަމާލުކަމަށް މަންމަ ގެންނާނަމެވެ.
މަންމައަކީ ގޭންގް ރޭޕްގެ ޝިކާރައެކެވެ. ދަރިފުޅަކީ އެއިގެ ނަތީޖާ އެވެ.
އަޔާންގެ ދެ ލޯ ބޮޑުވެ، ދުލުގައި ގޮއްޖެހުނު ފަދަ އެވެ. އަތުގައި އޮތް ފޮތް އަތުން ދޫވެއްޖެ އެވެ. މުޅި މީހާ ދާހިއްލައި ތުރުތުރުއަޅާން ފަށައިފި އެވެ. އަމީރާގެ އުނގުން ތެދުވެ، ކުއްލިޔަކަށް އެނދުން ފޭބި އެވެ. ހަދާނެ ގޮތެއް ނޭގި އަމީރާ ފުންމައިގެން ތެދުވެ، އަޔާންގެ ގައިގައި ބައްދާލެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް އަޔާން ޖެހިލީ ދުރަށށެވެ. ނޭވާނުލެވިގެން އަޔާން ތެޅިފޮލެނީއެވެ. ދެން ފެނުނީ އަޔާން އަރި އަޅައިލިތަނެވެ. ނަމަވެސް ނިއްކުރީގައި ބާރަށް ހިފަހައްޓަމުން ހަށިގަނޑު ތެދުކުރެވޭތޯ މަސައްކަތްކުރި އެވެ. ދާހިއްލާ ފޯވެ، ފުންނޭވާތަކެއް ލަމުން އަޔާން ދުއްވައިގަތީ ފާހާނާއަށެވވެ. އަޔާންގެ ފަހަތުން އަމީރާ ދުއްވައިގަތެވެ.
ފާހާނާގެ ދޮރާއިހިސާބަށް އަމީރާއަށް ނުދެވެނީސް، އަވަސް އަވަހަށް ނުހަނު ބާރަށް އަޔާން ދޮރުލައްޕައި ތަޅުލައިފި އެވެ.
-ނުނިމޭ-
ނޯޓް: ވާހަކައިގެ "ނިމުން" އަންނަ ބުރާސްފަތި ދުވަހު، އިންތިޒާރުކޮށްލައްވާ..!