ރާއްޖޭގެ ފުޓްބޯޅަ މިހާރު ގޮސްފައި އޮތް މިސްރާބާއި އަދި މިހާރު އޮތް ހާލަތު ވަރަށް ތަފްސީލުކޮށް ހާމަކޮށް "ސީއެންއެމް" އަށް ހާމިދު ލިޔުއްވި ރިޕޯޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފެށިއިރު، ފުޓުބޯޅައިގެ ފަސްމަންޒަރު އޮތްގޮތް ވަރަށް ސާފު ކަމަށާއި މީގެ އަލީގައި ނޯމަލައިޒޭޝަން ކޮމިޓީއަށް ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ހުއްޓިފައިވާ ލީގް ފެށުން ކަމުގަ އެވެ.
އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ކަންވެސް ކުރެއްވި ހާމިދު ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް ވަނީ ރޫޅިފައިކަމަށާއި ރޫޅިފައިވާ ކްލަބްތަކެއްގެ ސަބަބުން ލީގް ވަނީ ހުއްޓިފައިކަމަށެވެ. އަދި މުސާރަ ނުދެވުނުތާ، ކުޅުންތެރިން ހަމަނުކުރެވިގެން ދަނޑަށް ނާދެވުނު ޕްރެމިއަ ލީގް ކްލަބަތައް ވެސް މިދިޔަ ސީސަންގައި ފެނުނުކަމަށެވެ.
ރެގިއުލޭޝަން ބުނާގޮތުން ސަސްޕެންޑް ވެސް ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ ކުލަބުތަކަކާއި މެދު ފިޔަވަޅެއް އަޅާނެ ސާބިތުކަން ވެސް އެފްއޭއެމްގައި ނެތިގޮސް މުޅި ފުޓުބޯޅަ ނިޒާމް މިވަގުތު މިއޮތީ ރޫޅިފައިކަމަށް ހާމިޑް ލިޔުއްވާފައިވާ ރިޕޯޓުގައި ވެއެވެ.
އަދި 8 ކްލަބުން 10 ކްލަބަށް، ޕްރެމިއަ ލީގްގެ ޓީމް އަދަދު އިތުރު ކުރުމަކީ އަސާސީ ގަވާއިދާ ހިލާފަށް ކުރާކަމެއްކަމަށްވެސް ހާމިޑް ލިޔުއްވާފައިވެ އެވެ.
އިތުރަށް އެ ލިޔުމުގައި ވާގޮތުން ނޯމަލައިޒޭޝަން ކޮމިޓީން ލީގް ފަށަން އިއުލާނު ކުރުމަކީ އެންމެ ހެޔޮގޮތްކަމަށް ވާނެކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާގެ ވިސްނުން ހުރީ މިމަގަށް ކަމަށް މަސްދަރުތަކުން ބުނާކަމަށް ކަމަށް ހާމިދް ލިޔުއްވާފައިވެ އެވެ.
ބޮއްސުންލާފައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަންކަން ހަމައަކަށް އަޅުވައި، އާ އިންތިހާބެއް ބާއްވަން ފީފާ އިންވަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
ފީފާއިން ނެގި ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީގައި ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު ޒުހޫރުގެ އިތުރުން ހިމެނެނީ ގާނޫނީ ވަކީލް އަހުމަދު މުއިއްޒު، ފަރީހާ ޝަރީފް، އިސްމާއިލް ސައިމަން އަދި އަހުމަދު އަލީ އެވެ. މި ކޮމިޓީގެ މުއްދަތު އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ހަމަވާނެ އެވެ.
ނޯމަލައިޒިން ކޮމިޓީގެ މައިގަނޑު މެންޑޭޓުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާއިރު، އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ އިތުރުން، އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން ވެސް ހިމެނެ އެވެ. އަދި ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުމަކީވެސް އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.