ބީއެމްއެލްގެ ބޯޑަށް އަހްމަދު އަލީ ހަބީބް، ނޫވިލާގެ / އައްޑޫ، ހިތަދޫ އައްޔަނު ކުރުމަށް ސަރުކާރުން ހުށަހެޅިއިރު އެ ބޭންކްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އޮންނާނީ ހޮނިހިރު ދުވަހު އެވެ.
ހަބީބު މަތީ ތައުލީމު ހާސިލުކުރެއްވީ އެކައުންޓިން ދާއިރާއިންނެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) ގެ މެމްބަރެއް ވެސް މެ އެވެ. އޭގެ އިތުރުން އޭނާއަކީ މެގެޓޮން އާއި ކޮކޯބޮލޯ މޯލްޑިވްސް އާއި ދި އެކްސްކުއިޒިޓް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރެވެ.
އެމްއެމްއޭ އިން މިފަހުން ގެނައި ބަދަލަކާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވެސް މާލީ އިދާރާތަކުގެ މަގާމުތައް އަދާކުރެވޭނެ އެވެ.
ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ދެން ހަމަޖައްސަން ހުށަހަޅާފައި ވަނީ:
މުހައްމަދު ޝާހިދު - ޕެންޝަން އޮފީހުގެ ކުރީގެ ސީއެފްއޯ. އެކައުންޓިންގެ ދާއިރާގެ ތަޖުރިބާކާރެއް އަދި ޓެކްސް އިދާރާ، މީރާގެ އިސް މަގާމުތައް ފުރުއްވާފައިވޭ
އަލީ އިރުފާން، ޑޭލައިޓް ވިލާ/އައްޑޫ، މަރަދޫފޭދޫ - އެކައުންޓިން އާއި ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވޭ؛ މާލީ އަދި ސިއްހީ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވޭ
މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައި ވަނީ ވެސް އީޖީއެމް ބާއްވާ ތާރީހުގަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވާފައި ވަނީ ބީއެމްއެލްއާއި އިދިކޮޅު ފަރާތްތައް ގުޅިގެން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ތުހުމަތު ކުރަމުންދަނިކޮށެވެ. އަދި ފުލުހުންވެސް ވަނީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.