ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ރާއްޖެއިން ޗައިނާއާއި އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަޝްވަރާތައް ގާތްގަޑަކަށް ނިމިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޗައިނާ ގަންނަ އެއްޗިއްސަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންކަން ފާހަގަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ މިކަމުން ދިވެހި ވިޔަފާރިތަކަށްް ބޮޑަތަނުން ލުއިވެ ފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި މި ކަމުގައި ސަބަބުން ރާއްޖޭގެ އޮތް ޑޮލަރުގެ ތާށިކަމަށްް ހައްލު ލިބިގެންދާނެކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކުން، ސުމެއް އިންސައްތަ ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. އެގޮތުން ދިވެހި މަހުގެ 296 ބާވަތެއް އޭގެތެރޭގައި ހިމެނޭކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ޗައިނާއާއި އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެެއް ލިބުނުނަމަވެސް ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ލިބޭ ފުރުސަތުތައް ރާއްޖޭގައި ޗައިނާގެ ވިޔަފާރިތަކަށް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފެށުމުން ޗައިނާއާއެކު ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.