މި މައްސަލާގައި 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުުލުހުން ބުނީ މި މީހުން ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކަށް ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހުން
މި ފަސް މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާކަމަށާއި މައްސަލާގައި ހިމެނޭ މުހައްމަދު ނަފާހް ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރެފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ހުށައެޅީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހު ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން އެތަނުގައި ޑިއުޓީއަށް ހުރި ފުލުސް މީހާގެ ސަމާލުކަމަށް އައިސްގެންކަމަށެވެ. އަދި އެމީހާއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ލޯމަތީ ޖަހާ މާރާމާރީ ހިންގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ރަހީނުކުރި މީހާ ރަހީނުކޮށްގެން މި މީހުން ގެންގުޅެފައިވަނީ އެމީހުން މާލެއިން ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓެއްގައިކަމަށެވެ. މި ދެ އެޕާޓްމަންޓް ބަލާ ފާސްކުރުމުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ލިޔެކިޔުންތައް ފެނިފައިވާކަަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހުން ރަހީނު ކުރި މީހާ ބޭނުންކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ކަމަށެވެ.
ފުލުހުން ބުނީ މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖަކުވެސް ބައިވެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ސާމީ، އަހްމަދު ސާއިފް ވަހީދު، މުހައްމަދު ނައުޝާން ހުސެއިން އަކީ މަސްތުވާތަކެތީ ރިކޯޑް އޮންނަ މީހުންކަމަށް ފުލުހުން ބުނެއެވެ.