"އެކުދިންގެ ހާލު ބަލައިނުލައި ހުންނާން އަހަންނަށް ދެން ކެތެއްނުވާނެ.. ހައެއްކަ ގަޑީރަށްވުރެން ގިނަވަގުތު ފާއިތުވެގެން ހިގައްޖެ.. ދެދަރީން އެތިބީ، ކާއެއްޗެއް އަރުތެރެއަށް ނުލައި.. އަލީޒީގެ ޑައިރީގެ ވާހަކަ ބުނިފަހުން، އަޔާންގެ ހާލުބަލަން އަމީރާ މަންމަ ކިތައް ފަހަރު ގުޅައިފި...!! އެއްފުރާޅެއްގެ ދަށުގައި މިހެން ދެކޮޅަށް ހިނގާލަހިނގާލަ ހުންނާން އަހަންނަށް ކެތެއް ނުވާނެ.." މޫނުގައި އަތް އަޅާފައި އައިޝާ ރޯން ފަށައިފި އެވެ. ހިތާއި ދެކޮޅަށް ނަމަވެސް މިހަނގުރާމައާއި ކުރިމަތިލުން ނޫން ގޮތެއް މުންޝިރަށް ނެތެވެ. މާހައުލު ބަދަލުކުރާން މަޖުބޫރެވެ.
"މިއަދު މިހެން ގޭގައި ހުރެވޭކަށްވެސް ނެތް...! އެއް ދޯނި ރަށަށް އެ ވަންނަނީ...! އަނެއް ދޯންޏަށް މުދާބަރުކުރަން ރޭގައި ލިސްޓްޖަހާފައި އޮންނާނީ.. އެމީހުން ބިލްތައްވެސް ފޮނުވާފައި އެބަހުރި.. އެކަމަކު އެންމެ ބިލަކަށްވެސް އަދި ފައިސާ ނުދައްކަން.. ތިން ރަށުގެ އޯޑަރު ތައްޔާރުކުރަންއެބަޖެހޭ.. އައިޝާގެ އެހީއާއި ނުލައި އަހަރެން އެކަނި މިކަންކަން ކުރަން މިހާރަކު ފަސޭހައެއް ނޫން.." އައިޝާގެ ގައިގައި ފުރަގަހުން ބައްދާލަމުން މުންޝިރު ބުންޏެވެ. އައިޝާގެ މޫޑް ބަދަލުކުރާން މިވަގުތު ކުރެވެންހުރި ހުރިހާ ކަމެއް މުންޝިރް ކުރާނެ އެވެ.
"އެކަކު އަނެކަކު ކިބައިން ހިތްވަރު ހޯދައިގެން ދުނިޔެއާއި ކުރިމަތިލާން އެކުދިންނަށް ދަސްކޮށްދިނުމަކީ އަހަރުމެންގެ ޒިންމާއެއް.. އަހަންނަށްވެސް ފަސޭހައެއް ނޫން، ކަމެއް ނުވާކަމަށް ހަދައިގެން މިހެން ހުންނާކަށް.. އެކަމަކު އަމީރާ އެހުރީ އަޔާންއަށްޓަކައި، އަޔާން އެހުރީ އަމީރާއަށްޓަކައި.. އެކުދިންގެ ލޯތްބަކީ ބަލިކަށި ގުޅުމެއް ނޫން.. އެކަކު އަނެކަކަށްޓަކައި ކޮންމެ ހާލެއްގައިވެސް އެކުދިން ތިބޭނެ.. އަލީޒީގެ ޑައިރީއަށްފަހު އަޔާންގެ ދިރިއުޅުން ބަދަލުވާނެ.. ނުވަތަ ދިރިއުޅުމާމެދު އަޔާނން ދެކޭގޮތްތައް ބަދަލުވާނެކަން ޔަގީން..! އެކުދިން ނިންމާ ކޮންމެ ނިންމުމަކަށް ފުރިހަމަ އިތުބާރާއެކު އަހަރެން އިހްތިރާމްކުރާނަން.."
މުންޝިރުގެ ނިންމުމާއި އޭނާގެ އަޑުގައި ހުރި ސީރިއަސްކަމުގެ ސަބަބުން އައިޝާގެ ގައިން ހީބިހި ނެގި އެވެ. ކުއްލިޔަކަށް މުންޝިރްގެ އަތުގެތެރެއިން ނިކުމެ، ހަތަރުކަޅި ހަމަކުރި އެވެ.
"ބުނަން ތިއުޅެނީ ކީކޭ..؟ އަހަރުމެންނާއި ވަކިން އަޔާން ދިރިއުޅެން ނިންމިޔަސް މުންޝިރަށް އެ ގޮތް ރަގަޅޭތަ..؟" ސީރިއަސްކަމާއެކު އައިޝާ ސުވަލުކޮށްލިއިރު އޭނާގެ ދެލޯ ރަތްވެއްޖެ އެވެ.
"ހަމަޖެހިލާފައި ވިސްނާލަބަލަ.. މި ރަށުގައި ދާއިމަށް އެކުދިންނަށް އުޅެވޭނެތަ..؟ މި ރަށުގައި ނުވަތަ މި ރާއްޖޭގައި އަޔާންއަށް އޮތީ ކޮން ކުރިއެރުމެއް..؟ އަޔާންގެ ވަޒީފާއާއި އެކަމުގެ ޒިންމާއާއި އަމީރާގެ އާއިލާއިން ކަންކަން ރާވާފައިވާ ގޮތް، އަހަރުމެންނަށް އޮޅުވާލާފައެއް ނެތް..! މި ރަށުގެ ހޮސްޕިޓަލްގެ ހުރިހައި ކަމެއް އަޔާން ކޮންމެ ތާކު ހުއްޓަސް ބަލަހައްޓާނެ.. މިހާރު އެންމެ ޑޮކްޓަރަކު ހުއްޓަސް މުސްތަގްބަލްގައި އެތަނަށް ރާއްޖޭން ބޭރުން ޑޮކްޓަރުންވެސް ގެންނާނެ.. ކްލިނިކްގެ ނަން ފުރިހަމަ ގޮތުގައި ހޮސްޕިޓަލް އަށް ބަދަލުކުރުމަކީ އަޔާންގެ ވައުދެއް.. އެކަން ނާދިފްވެސް ވަރަށް ގާތުން ބަލަހައްޓާނެ.. އެހހުރިހައި ކަމެއްގައި އަޔާން ބައިވެރިކޮށް، މުޅިން އާ ހަޔާތެއް ފަށަން އެދަރިފުޅަށް އެހީވާން މިކޮޅުގައި ތިބީ އަހަރުމެން ނޫންތަ..؟" މުންޝިރުގެ ލޯތްބަކީ އައިޝާގެ ނަސީބެވެ.
ނަމަވެސް އަޔާންއާއި ވަކިން އުޅޭކަށް އައިޝާއަށް އެއްބަހެއް ނުވެވޭނެކަން އޭނާގެ ހަރަކާތުން ފާޅުކކޮށް ފެނުނެވެ.
"ނޫން.. ނޫން... އަހަރެންގެ ދަރިފުޅު އަހަރެން ދޫކޮށްލާފައި ނުދާނެ.." އައިޝާގެނެސް މުންޝިރުގެ އަތުތެރޭގައި ބޮނޑިކޮށްލި އެވެ.
"މައިންބަފައިންދެކެ، ދަރިންނަށް ލޯބިވެވޭނީ ހަމައެކަނި އެއްރަށުގައި އުޅެގެން ނޫންކަން އަހަރުމެން ގަބޫލުކުރަންޖެހޭނެ.. ޒަމާން މިއޮތީ ބަދަލުވެފައި.." ލޯތްބާއެކު މުންޝިރު ބުންޏެވެ.
ހަމައެވަގުތު ދެމީހުން ސިއްސައިގެންދިޔައީ އިވުނު ބާރުގަދަ އަޑުންނެވެ. އެކަކު އަނެކަކަށް ބަލައިލާފައި ދުއްވައިގަތީ ދޮރާއި ދިމާއަށެވެ.
.....................
"އޯޕަން ދި ޑޯ.. ބޭބީ.. ޕްލީޒް.. ޕްލީޒް ލަވް.." ދޮރުގައި ތަޅަމުން އަމީރާ ރޮނީ އެވެ. ފާހާނާއަށް ވަންފަހުން އަޔާންގެ ހަބަރެއްނެތެވެ. އާދޭސްކުރަމުން ދޮރުބުޑުގައި އަމީރާ އިށީނީ ދެފައިގައި ބާރެއް ނެތީތީ އެވެ. އެތައް ގަޑީރެއް ވަންދެން އެނދުގައި އިށީދެއިނީތީވެ، އުނގަނޑުވަނީ އައްސިވެފަ އެވެ.
"ހަމައެވަގުތު ނުހަނު ބާރަށް ކޮޓަރީގެ ދޮރުހުޅުވުނުއަޑަށް އަމީރާއަށް ބަލައިލެވުނެވެ. އައިޝާއާއެކު މުންޝިރު ފެނުމުން ތުން ފިއްތާލާފައި އަމީރާއަށް ރޮވުނީ ފާހާނާގެ ދޮރު ދައްކާލަމުންނެވެ. ދިގުފިޔަވަޅުތަކެއްގައި މުންޝިރު އައިސް ނިކަން ބާރަށް ދޮރުގައި ތަޅަމުން އަޔާންއަށް ގޮވި އެވެ. އައިޝާގެ އަތުގެތެރޭގައި އަމީރާ ރޮމުންދިޔައީ ގޮސްހުސްވެފައިހުރެ އެވެ.
"ދަރިފުޅާ އަޔާން ދޮރު ނުހުޅުވަންޏާ ދޮރު ވައްޓާލާފައި އަންކަލް އެތެރެއަށް މިވަންނަނީ... އަޔާން އަމިއްލައަށް ދޮރުހުޅުވުމަށް މިދެނީ ވިހި ސިކުންތު.. އޭގެ ފަހުގައި އަންކަލް ވަންނާނަން.. އިންޒާރުގެ ރާގުގައި ބާރަށް މުންޝިރު ބުންޏަސް އެބުނުމުގައި އެކުލެވުނު ރިހުމާއި ނުތަނަވަސްކަން ސިއްރެއްނުވި އެވެ. ފުންނޭވާލަމުން ދޮރުކަނީގައި އަތް އަޅުވާލާފައި މުންޝިރު ލޯ މަރައިލި އެވެ. ބާރަށް ހިތް ތެޅެމުންދިޔަ އަޑު އަމިއްލަ ކަންފަތަށް އިވެ އެވެ.
ދޮރުގައި ފައިން ޖަހައި ދޮރު ވައްޓާލަން މުންޝިރު ހަރަކާތްކޮށްލި ވަގުތު ދޮރުގެ ތަޅު އަނބުރާލިއަޑަށް އެންމެން ސަމާލުވި އެވެ. ތަޅު ހުޅުވުމާއެކު މުންޝިރު ދެމިގަތީ އެތެރެއަށެވެ. އަޔާންގެ ރަތްވެފައިވާ ދެ ލޮލާއި ދާހިތްލާ ފޯވެފައިވާ ހުދު ޓީޝާޓާއި ހިތްވަރެއް ނެތިފައިވާ ވަރުބަލި ހަށިގަނޑުގެ ހަގީގަތް ދެނެގަތީ އަމީރާ އެވެ.
"ޕެ ނި ކް އެ ޓޭ ކ.." ބުނަން އުޅުނު ލަފުޒު ފުރިހަމަ ނުކުރެވެނީސް، އަނގަމަތީގައި އަތްއެޅުނީ ފެނުނު މަންޒަރު އަމީރާއަށް ގަބޫލުނުކުރެވުނީމަ އެވެ. އެހެން މީހަކަށް އެއަޑު އިވިދާނެކަމަށް އަމީރާ ސަމާލުވި އެވެ. މުންޝިރުގެ އަތުލަފިކޮށްގެން އަޔާން ނެރުނީ ވަރު ދޫވެ، އާރެއް ބާރެއް ނެތް ހަށިގަނޑެއް ފަދައިންނެވެ.
"ބޮޑުދައިތާ... ކޮންމެވެސް ކަހަލަ ހެލްތީ ސޫޕްއެއް ތައްޔާރުކޮށްލަދީފާނަން..!؟" މަޑުމަޑުން އަމީރާ ސުވާލުކޮށްލި އެވެ. އަވަސްއަވަހަށް އެކަން ކުރުމަށް އައިޝާ ހިގައްޖެ އެވެ.
"ދަރިފުޅާ... ހަޔާތުގައި އުނދަގޫ ވަގުތުތައް އަންނާނެ.. އަހަރުމެން ޖެހޭނީ ކެތްކުރަން... ރުއިމަކީ ބަލިކަށިކަމެއް ނޫން.. ހިތާމައިގައި ރޯން ބޭނުން ވަގުތުތަކުގައި އަންހެނެއްވިޔަސް ފިރިހެނެއްވިޔަސް ކަރުނައަޅައި ރޯންވީ..! ލިބުނު ހިތާމައަކީ ނުވާކަމެއްކަމަށް ހެދުމުގެ ބަދަލުގައި އެކަމަށް ކުރިމަތިލުމަކީ އެންމެ ހިތްވަރުގަދަ މީހުންގެ ގޮތް.. ދަރިފުޅު ތިކުރާ ހިތްވަރަށް އަންކަލް ފަހުރުވެރިވަން..!" އަޔާންގެ ބޮލުގައި މުންޝިރު ފިރުމާލި އެވެ.
"އަމީރާއަށް ބަލައިލަބަލަ..! ދަރިފުޅު ބޭނުންތަ، އަމީރާގެ ދެލޯ އެ ގޮތަށް ރަތްވެ، ހާސްވެފައި ހުންނަން.. ނޫނީ ދެންތިބި އެހެން އެންމެން މިގޮތަށް ހުއްޓިފައި ތިބެން..؟ އަންކަލްގެ އަޔާންއަކީ މިއަށްވުރެން މާ ހިތްވަރުގަދަ ކުއްޖެއް... އަބަދުވެސް އަންކަލް އެންމެ ފަހުރުވެރިވާ ދަރިފުޅު ތިއީ.. މަންމައާއި ބައްޕައާއި އާއިލާއާއި ވަކިން އަމީރާ މިތާ، މިރަށުގައި މި ކޮޓަރީގައި ނުވަތަ މިގޭގައި އެހުންނަނީ ދަރިފުޅަށްޓަކައި..! އަމީރާގެ ދިރިއުޅުމާއި އޭގެ ހަގީގަތް އެންމެ ރަގަޅަށް އެނގޭނީ ދދަރިފުޅަށް..! ދަރިފުޅު ވިސްނާލަބަލަ..!" އަޔާންގެ ބުރަކަށީގައި ފިރުމަމުން މުންޝިރް ވާހަކަދެއްކީ އަޔާންއަށް ހާލަތު ވިސްނައިދިނުމަށެވެ.
އަމިއްލަ ނަފުސު ކުއްވެރިކުރެވިފައިވާ ބެލުމަކުން އަޔާން ބަލައިލީ އަމީރާއަށެވެ. މައާފަށް އެދުމަށް ދުލުގެ އިބާރާތެއް ބޭނުމެއް ނުވެ އެވެ. ދެމީހުންގެ ލޮލުގެ އިޝާރާތުން ކުރެވޭ މުއާމަލާތް މާ ބާރުގަދަ އެވެ.
ހަމައެވަގުތު ސޫޕްތަށި ހިފައިގެން އައިޝާ ވަދެއްޖެ އެވެ. އެނދުކައިރީގައި ހުރި ސައިޑްޓޭބަލްމަތީގައި ބަހަށްޓާފައި އައިޝާ ޖެހިލީ އަޔާންއާއި މުންޝިރުގެ ގާތަށެވެ. އަޔާން ބޮލުގައި ފިރުމާލަމުން ނިއްކުރީ ބޮސްދިނެވެ.
"ވަރަށް ލޯބިވޭ ދަރިފުޅާ.." އައިޝާގެ އަޑު ބެދުނުކަމުގައިވިޔަސް ބޭނުންވި ޖުމުލަ އިއްވާލި އެވެ. އަޔާން ލޯތްބާއެކު ބައްދާލީ އައިޝާގެ އުނަގަނޑުގަ އެވެ. ކުޑަކުއްޖެއް ފަދައިން ކުޑަކަކޫ ޖަހާފައި ތިރިވީ، އެ ދަރުފުޅުގެ ހިތުގައި ރިއްސާތީ އެވެ.
"ބޮޑުދައިތަ ދެކެވެސް ވަރަށް ލޯބިވޭ..؟" އަޔާން ބުނެލީ ވަރަށް މަޑުންނެވެ.
އައިޝާގެ އުނަގަނޑުން ދޫކޮށްނުލައި އަޔާން ބަލައިލީ ފެންކަޅިވެފައިވާ އަމީރާއަށެވެ. ހިފެހެއްޓުމެއް ނެތް ކަރުނަ އޮހިގަތީ އަމީރާގެ ގުރުބާނީގެ އަގު އަޔާން ހަގީގަތުގައިވެސް ވަޒަންކުރާތީ އެވެ. ލޯބިން ފުރިފައިވާ ބެލުމަކުން ބަލައިލީ، މައއާފުކޮށްދޭށޭ ބުނާފަދައަކުންނެވެ. އެބަލައިލުން އަމީރާ ދެނެގަތެވެ. އާއެކޭ ބުނަމުން ބޯޖަހައިލި އެވެ.
"ސޫޕްތަށި ހިހޫ ނުވަނީސް ހުސްކޮށްލާތި..!" ލޯތްބާއެކު ބޮލުގައި ފިރުމާލަމުން އައިޝާ ބުންޏެވެ. މުންޝިރުއަށް އައިޝާ ލޮލުން އަންގައިލީ ބޭރަށް ނިކުތުމަށެވެ.
"އަމީރާ ދަރިފުޅާ.. ކާން ތައްޔާރުކޮށްފައި ހުންނާނީ.. ބޮޑުދައިތައާއެކު ދަރިފުޅު ކާންދާންވީނުން.." އިހްތިރާމާއި ލޯތްބާއެކު އައިޝާ ބުންޏެވެ.
"ވީ ކޭން ޝެ އަ ރ..." ސޫޕް ތައްޓަށް ބަލައިލަމުން އަޔާން ބުނެލި އެވެ.
"ދަރިފުޅާ އަޔާން.. ކުޑަމިނުން، ކާއެއްޗެއް އަނގަޔަށްލާނެ ހުސްވަގުތުކޮޅެއް ޕްރިންސެސްއަށް ދޭންވީނުން.. އެވަރު ވަގުތުކޮޅަކަށްވެސް އެކަނި ކެތްނުވޭތަ..؟"
އަޔާންއާއި ދިމާކޮށްލައި ކޮޓަރީގެ މާހައުލު ބަދަލުކޮށްލުމަށް މުންޝިރު ބުނެލި ޖުމުލައިން އަމީރާގެ މޫނު ޓޮމާޓޯގެ ރަތްކުލައަށް ބަދަލުވެގެން ދިޔަ އެވެ. ލަދުން އިސްޖަހައިލެވުނީ އެ ޖުމުލައިގެ ފޮރުވިފައިވާ މާނަ އެނގޭތީ އެވެ.
"ނޫން.. އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުފޮނުވާނަން.. ރަށުތެރެއަށް ނުނެރެނީވެސް އެހެން މީހަކަށް ނުދައްކަންވެގެން.. ޝީ އިޒް މައިން.." އަމީރާއަށް ބަލަމުން އަޔާން ބުނެލީ ލޯބިން ފުރިފައިވާ އަޑަކުންނެވެ.
ލަދުން އިސްޖަހައިގެން ހުރެ މުންޝިރުގެ އަތުގައި ހިފައިގެން އައިޝާ ނިކުމެ މަޑުމަޑުން ދޮރުލެއްޕީ، އަމީރާއަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ.
"އައެމް ސޮރީ ޕްރިންސެސް.." ލޯތްބާއެކު އަޔާން ބުނެލިއިރު ފެންކަޅިވެއްޖެ އެވެ.
"އައި ލަވް ޔޫ ސޯ މަޗް ބޭބީ.." އަމީރާގެނެސް އަތުގެ ތެރޭގައި ބޮނޑިކޮށްލަމުން އަޔާން ބުންޏެވެ.
"ޔޫ ހެޑް އަ ޕެނިކް އެ ޓޭ ކް.." ވައިއަޑުން އަމީރާ ބުނެލި އެވެ. އެޖުމުލަ އަޑުއަހަން އަމިއްލަ ކަންފަތަށްވެސް ފަސޭހައެއް ނޫނެވެ.
"ދުވަހަކުވެސް އެހެން ނުހަދާތި.. ޕްލީޒް މައި ލަވް..! ބީ ވިތް މީ..! އައި ކާންޓް ލިވް ވިތްއައުޓް ޔޫ.." އަޔާންގެ މޭގައި މޫނު
ފޮރުވާލަމުން އަމީރާ ބުންޏެވެ. އިރުކޮޅަކަށްފަހު އަޔާންގެ އަތުތެރެއިން ނިކުމެ، ކޮލުގައި ތުންފަތް ބީއްސާލި އެވެ.
"ބޭބީ..! އަހަރެން ކިހިނެއް ތި ފެމިލާއާއި ކުރިމަތިލާނީ..؟ އަހަރެންގެ ހަގީގަތް އެގިއްޖެއްޔާ... ބައްޕަމެން.. " އަޔާން ބުނަންއުޅުނު އެއްޗެއް އަމީރާއަށް ސާފު ބިއްލޫރިކޮޅެއް ފަދައިން އެގުނެވެ.
"މައި ލަވް..! ތި ހަގީގަތް ބައްޕައަށް ސިއްރުވެފައި އޮންނާނެ ކަމަށް އަޔާންއަށް ހީވަންޏާ ތިއީ ބޮޑު ކުށެށް..! އަހަރެންގެ ހިތް ބުނަނީ ބައްޕަ އެހުރިހައި ކަމެއް އެކުރީ އަޔާންގެ ހަގީގަތް އެނގުނީމަހެން.. އެމީހުންކިބައިން އެވަރުގެ ބަދަލެއް އެހިފީ އަޔާންއާއި މަންމައަށްޓަކައި... ޔަގީން ބައްޕައަށް ހުރިހައި ކަމެއް އެނގޭ.. ދެން އެކަމާ މާބޮޑަށް ނުވިސްނާ! ހީ ލލަވްސް ޔޫ ސޯ މަޗް..!" އަމީރާގެ ވާހަކަ އަޔާން ކަނުލައި އަޑުއެހި އެވެ. އަދި ނިއްކުރީގައި ކިސްކޮށްލަމުން ނުހަނު ބާރަށް ބައްދައިލި އެވެ.
..............
"އެނދުގައި އިށީންދޭ..!" ލޯތްބާއެކު އަމީރާ ބުނެލުމުން ބަސްއަހައިގެން އަޔާން އިށީނެވެ. ފަރުވާތެރިކަމާއެކު ހޫނު ސޫޕްތަށި ނަގާފައި، ފަހަރަކު ސަމްސަލެއް އަޔާންއަށް ދެމުންގެންދިޔައީ ނުހަނު ލޯތްބާއެކު އެވެ. ވަކި ހިސާބަކުން އަމމީރާގެ އަތުން ސަމްސާ އަތުލާފައި އަޔާން، އަމީރާއަށް ސޫޕް ދޭން ފަށައިފި އެވެ.
.................
"އަހަރުމެންގެ ދަރިފުޅު މިހިތާމައިން މިންޖުވާނީ ކޮން ދުވަހަކުންބާ..؟" ގޮތްހުސްވެފައިވާ މީހެއް ފަދައިން އައިޝާ ސުވާލުކޮށްލި އެވެ.
"ކެތްތެރިވޭ އައިޝާ..! ވަގުތު ނަގާނެ.. އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް އަމީރާއަށް.." އައިޝާ ގޮވައިގެން ބޭރު އުނދޯލީގައި އިށިންނަމުން މުންޝިރު ބުންޏެވެ.
-ނުނިމޭ-