ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
އުތުރު ގޭޓްވޭ ވާނީ މާކެޓް ޕްލޭސްއަކަށް، ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ
އިހަވަންދިއްޕޮޅުގައި ހިންގާ މެރިޓައިމް ބޮޑު މަޝްރޫއުގެ ތެރެއިން ހިދުމަތްތައް ގާއިމްކުރުމަށް ޓަކައި އެ ކަމަށް ބޭނުންވާ އޮފީސް "އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" (އައިއެސްޕީއެސް ގޭޓު) ވާނީ ދިވެހިންގެ މާކެޓް ޕްލޭސްއަކަށް ކަމަށް އެސްޓީއޯގެ ސީއީއޯ އަހުމަދު ޝިމާދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝިމާދު މިހެން ވިދާޅުވީ އުތުރުގެ މެރިޓައިމް ހިދުމަތްތައް ފެށުމަށްޓަކައި ގާއިމްކުރި އުލިގަމު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ރޭ ހއ. އުލިގަމުގައި ބޭއްވި ރަސްމިއްޔާތުގައި އުތުރު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވައި ދެއްވީ އެ ރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ ސިމާދު ވިދާޅުވީ ބަންކަރިން ހިދުމަތާއި އުތުރު ގޭޓްވޭގައި ދޭ އިތުރު ހިދުމަތްތަކާ އެކު ރާއްޖޭގެ އުތުރުގެ ސަރަހައްދު ބޮޑު މާކެޓް ޕްލޭސް އަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ، އުތުރުގެ ސަރަހައްދަކީ ހުޅަނގު އިރުންނާއި އިރު ހުޅަނގުން 200 އަށް ވުރެ ގިނަ ބޯޓުތައް ދަތުރު ކުރާ ސަރަހައްދެއް ކަމަށެވެ. އެހެންވެ، އަލަށް ފަށާ ބަންކަރިން ހިދުމަތާ އެކު އެ ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުން ކުރެވޭނެ ކަމަށެވެ.

"މި ގޭޓްވޭވާނީ މާކެޓް ޕްލޭސްއަކަށް. އެއީ މި ގޭޓްވޭއިން މި އޭރިއާއިން ދަތުރު ކުރާ އުޅަނދުތަކުން ހަމައެކަނި ޔޮޓްތަކެއް ނޫން، ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ޝިޕްތަކަށް ހިދުމަތްތައް ދެވޭނެ. އަޅުގަނޑުމެންނަށް ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ، އިހަވަންދިއްޕިޅުގައި ފަށަނީ ފްލޯޓިން ބަންކަރެއްގެ ގޮތުގައި ކަމަށާއި އަމާޒަކީ މުސްތަގްބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖެއް ވެސް ހަދާށެވެ. މިވަގުތު އެ ހިދުމަތް ފަށަނީ ދެ ބާޖު ބޭނުންކޮށްގެން ނެވެ. އޭގެ އިން ކޮންމެ ބާޖަކުން 4،000 ޓަނުގެ ތެޔޮ އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

your imageއެމްޕީއެލްގެ ސީއީއޯ ވަޖީހާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އެއްބަސްވުމުގައި ސޮއި ކުރަނީ 

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

އުތުރު އައިއެސްޕީއެސް ގޭޓު އިމާރާތް ހުޅުވިއިރު ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށަނީ މިއަދު އެވެ.

އުތުރުގެ މެރިޓައިމް ހިދުމަތްތައް ފަށާއިރު، ހއ.އުލިގަމުގައި ގާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެ ސަރަހައްދުގައި މެރިޓައިމް 14 ހިދުމަތެއް ދޭނެ އެވެ. އެމްޕީއެލްއިން ބުނީ މި ހިދުމަތްތައް ދިނުމުގެ ގާބިލްކަން އެކުންފުނީގައި އެބަހުރި ކަމަށެވެ. 

އަދި ހިދުމަތް ފެށުމަށްޓަކައި އެކަމަށް ހާއްސަ ވެބްސައިޓެއް ގާއިމްކޮށް އާންމުކޮށް ހިދުމަތްތައް މާކެޓު ކުރުމުގެ މަސައްކަތް ފެށިފައިވާކަން އެމްޕީއެލްއިން ފާހަގަކުރެ އެވެ. އަދި މިހާރުވެސް ހިދުމަތްތައް ރިކުއެސްޓް ލިބެމުންދާކަމަށް އެމްޕީއެލްއިން ބުންޏެވެ.

ބަންކަރިންގެ ހިދުމަތް ފަށާތީ އުތުރުގައި -- ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މިވެސް ކާމިޔާބު ވެއްޖެ ނަމަ "އުތުރު" މާކެޓް ޕްލޭސްއަކަށް ވާނެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް