ads
ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން: އޭނާ ވަނީ ފަލަސްތީނުގެ ދައުލަތެއް ނެތި އިޒްރޭލު ގަބޫލު ނުކުރުމުގެ ސިޔާސަތު ތަކުރާރުކުރައްވާފައި.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި އިސްރާއީލު ބަލައިގަތުމެއް ނެތް: ސައުދީ
ޔަހޫދީން އުފައްދާފައިވާ ދައުލަތް ސައޫދީ އަރަބިއްޔާއިން ބަލައިގަންނާނީ އަޅުވެތިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަންކޮށް, ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކޮށްދިނުމުން ކަމުގައި ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

ސައުދީގެ ޝައުރާ ކައުންސިލަށް ދެއްވި ތަގުރީރުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވަލީއަހުދު މުހައްމަދު ވަނީ އިސްރާއީލްގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

މުހައްމަދު ވިދާޅުވީ އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އޭގެ ކުރިން އިޒްރޭލާ އެކު ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ.

ދުނިޔޭގައި ހައްގު ނިގުޅައިގަނެވިފައި ތިބިހާ ބައެއްގެ ހައްގުގައި ސައޫދީން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ވަލީއަހުދު ދެއްވި އެވެ. ޔަމަނާއި، ސޫދާން، ލީބިއާ އަދި ޔުކްރޭނަށް ސިޔާސީ ހައްލެއް ހޯދުމަށް ސައުދީން އެހީތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުން ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުން އަދިވެސް ތަކުރާރުކުރަން،" ސައޫދީގެ ރަސްކަމުގެ ޒިންމާތައް އަދާކުރައްވާ މުހައްމަދު ވިދާޅުވި އެވެ.



ބިން ސަލްމާން ވިދާޅުވީ ސަރަހައްދީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސައުދީން އިސްވެ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަންނަން އޮތް ޖީޅުތަކަށް ސައޫދީ ޒުވާނުން ފައްކާކުރުމަށް ދައުލަތުން ކުރާ އެއްވެސް މަސައްކަތެއް ސައޫދީގެ އަމިއްލަ ސިފަތަކުން ބޭރުނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ސައޫދީގެ ރަސްކަމުގެ ޒިންމާތައް އަދާކުރައްވާ މުހައްމަދު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

2023 އޮކްޓޫބަރު 23ގައި ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ މިހާރު ވަނީ 41652އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 17300އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. 

އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް