ads
ބަންކަރިން ހިދުމަތް ފެށުމަށް ތެޔޮ ބާޖާއި ފުރަތަމަ ފަހަރަށް ތެޔޮ އަޅައިދޭ އުޅަނދު ތައްޔާރަށް،
ބަންކަރިން ހިދުމަތުން ހުރިހާ ފައިދާއެއް ލިބޭނީ ވިޓޯލް ކުންފުންޏަށް: ޔާމީން
ރާއްޖޭގެ އިގުތިސާދަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ލަފާ ކުރާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް އިއްޔެ ވަނީ ރަސްމީކޮށް ފަށައިފަ އެވެ.
Advertisement

ހއ. ހޯރަފުށީގައި އިއްޔެ ހަވީރު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބަންކަރިންގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ފަސް މެންބަރުންނެވެ.

ބަންކަރިންގެ ހިދުމަތް އިއްޔެ ފެށިއިރު، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާ އަށެވެ. އެ ބޯޓު މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން ދިޔައީ ކޮލަމްބޯއިންނެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރާއްޖޭގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ފެށީ 3258 ޓަނުގެ އެމްޓީ އޭންޖަލް އާއި 3939 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުން ކޮށްގެންނެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށީ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔެގެ އެކި ކަންކޮޅަށް ދަތުރު ކުރާ ކަމަށެވެ. އެހެންކަމުން އޭގެތެރެއިން އެއް ޕަސެންޓު އުޅަނދުތަކަށް ހިދުމަތް ދެވުނަސް ރައްޖޭގެ އިގުތިސާދަށް އޭގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ.

މީގެ އެއް ޕަސެންޓު އުޅަނދަށް ހިދުމަތް ދެވުނަސް، އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ނެތިން 100 މިިލިއަން ޑޮލަރު ނުވަަތަ 200 މިލިއަން ޑޮލަރު ކިޔާކަށް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ހަރަދު ކަނޑައިފައި އެންމެ 1000 ޑޮލަރު ލިބުނަސް ފައިދާއަށް،" ޔާމީން ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެސްޓީއޯ އާއި އެމްޕީއެލް އަދި ވިޓޯލް ގުޅިގެން ކުރިއަށް ގެންދާ މި ހިދުމަތާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. 

އެމަނިކުފާނުގެ ޕާޓީ ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ބަންކަރިންގެ ހިދުމަތުން ލިބޭ ފައިސާ ލިބެނީ ތެލުގެ އޯނަރު ކުންފުންޏަށް ކަމަށެވެ. އެހެންކަމުން ބަންކަރިންއިން ފޯރުކޮށްދޭ ތެލުގެ އޯނަރު ކުންފުންޏަކީ ވިޓޯލް ކަމަށާއި އޭގެން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް އެމީހުންގެ [ވިޓޯލްގެ] އަމިއްލަ ތެލުން މި ލިބެނީ 200 މިލިއަން. ވިޓޯލް މި ވިއްކަނީ ވިޓޯލް ތެޔޮ. އޭގެ ތެރެއިން ކުޑަކުޑަ ނިސްބަތެކޭ ދިވެހިރާއްޖެއަށް މި ލިބެނީ. އޭގެ 95 ޕަސެންޓު ނަގާނީ އެމީހުން،" ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން އެކަމަކީ ވެސް ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާނެ ކަމެއްގެ ގޮތުގައި އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވައިގެން ހުންނެވި ޔާމީން ވަނީ ސިފަކުރައްވާފަ އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ހިދުމަތް ދޭ ގޮތަށެވެ. 

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބިމެއް ހިއްކައިގެން އެފަދަ ހިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެން ކަމަށެވެ. 

އެސްޓީއޯއާއެކު ޕާޓްނާޝިޕް ވެގެން ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި އިއްޔެ ފެށި ވިޓޯލް އިން ހޯރަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަ ކަމަށާ، އެ ކުންފުނިން ރާއްޖޭގައި މި ވިޔަފާރި ފެށީ އެހެންވެ އެވެ.  

ވިޓޯލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޮޑު އެޑްވާންޓޭޖްއަކީ ދުނިޔޭގެ ބޮޑެތި ޕޯޓްތަކަށް ބަންކަރިންގެ ތެޔޮ ފޯރުކޮށް ދިނުން ކަމަށާ މި ތަޖުރިބާ އެސްޓީއޯ ހިއްސާކޮށްގެން ކުރިއަށް ދާނެ އެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް