ads
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް
ސީ-ޓު-އެއާ ކާގޯ ހިދުމަތުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: އެމްޕީއެލްގެ ސީއީއޯ
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފުޅާވަމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ވިޔަފާރިއެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

އެމްޕީއެލުން މި ހިދުމަތް ފޯރުކޮށްދެމުން ދަނީ ޓާކިޝް އެއާލައިންސްއާއި ޤަތަރު އެއާވޭސްއާ ގުޅިގެންނެވެ. މި ދެ އެއަރލައިންއާއެކު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ 2 ދުވަހުގެ ތެރޭގައި 40 ފޫޓުގެ 7 ކޮންޓެއިނަރުގެ މުދާ ޔޫރަޕަށް ފޮނުވާފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް ފުޅާވަމުން މިދަނީ، މިއީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާ ވަރަށް ބޮޑު އާރޯކަމެއް،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށާއި، މި ވިޔަފާރި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި މި ވިޔަފާރި ފުޅާކުރުމަށް ސަރުކާރުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި، އެއަރޕޯޓުގެ ތެރެއިންވެސް ކަންތައްތައް ފަހިކޮށްދީ، ވިޔަފާރިތަކަށް ލުއިގޮތްތައް ހަމަޖައްސައިދެމުންދާ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މާރޗް މަހު އެމްޕީއެލުން ތަޢާރަފުކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަނުވިލާތަށެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފުކުރާ ފަސޭހަ އަދި އަވަސް ހިދުމަތެކެވެ. މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް