ads
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން 3000 މީހުން އެދެފި
ބިދޭސީންގެ ފީތައް ނުދައްކާ ބައެއް ވިޔަފާރިތަކުން އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދެއްކުމަށްް އެދިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން  ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ފަރާތަކަށްް މިދިޔަ މަހުގެ 31 ވަނަދުވަހުގެ ކުރިން އެ ފައިސާ ދައްކާ ނިންމުމަށް ހޯމް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު އޮތްކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. 

ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ 3159 ފަރާތަކުން ވަކި ތަވާލެއްގެ ދަަށުން އެ ފައިސާ ދެއްކުމަށް އެދިފައިވާކަމަށެވެ. އަދި އެ ފަރާތްތަކުން ދައްކަންޖެހޭ  ޖުމްލަ އަދަދު 254 މިލިއަން ރުފިޔާ އަރާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެެއެވެ. މި ފައިސާ ދެއްކުމަށް މި ފަރާތްތަކަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކެވެ. 

ބަހާލައިގެން ފައިސާ ދައްކަން ދިނީ ވޯކް ޕާމިޓްގެ ގޮތުގައި ދައްކަން ޖެހޭ 188 މިލިއަން ރުފިޔާ އާއި ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 63 މިލިއަން ރުފިޔާގެ އިތުރުން ކެންސެލޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭ 2.7 މިލިއަން ރުފިޔާކަމަށްް މިނިސްޓްރީން ބުނެއެވެ. 

ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން  ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ދިން މުއްދަތަށް ނުދައްކައިފިނަމަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ގެ ހިދުމަތުން ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ވަނީ ދީފައެވެ.  

ބިދޭސީންގެ 7492 ފަރާތެއް އިމިގްރޭޝަންގެ އެކްސްޕެޓް ސިސްޓަމް އިން މިވަގުތު ސަސްޕެންޑްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

ބިދޭސީންގެ ފީތައް ނުދައްކައިގެން ދާހިލީ ވުޒާރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ. އޭގެތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ.

މީގެތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު, ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގައެވެ.

މި ލިސްޓު އާއްމުކުރުމުން 20 ކުންފުންޏަކުން ވަނީ ފައިސާ ދައްކާފައެވެ. އެ ކުންފުނިތަކުން ފައިސާ ދެއްކުމުން 182 މިލިއަން ރުފިޔާ ލިބިފައިވާކަން ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް