ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ވެލާނާ އިންޓާނަޝަނަލް އެއާޕޯޓްގައި ކުއްތާ ބޭނުންކުރަމުން އަންނަކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެއާޕޯޓްގައި ކުއްތާ ބޭނުންކުރަމުން އަންނަނީ މޯލްޑިވްސް ކަސްޓަމް ސާވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުންކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެއާޕޯޓްގައީ ކުއްތާ ބޭނުންކުރަމުންދސާ ފޮޓޯތަކެއް އާއްމުކޮށްފައެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ ދެމީހަކު މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ޑްރަގު އެތެރެކުރަނިކޮށް ވަނީ އަތުލައިގެންފައެވެ.
މި ދެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ އެތަކެތި އިނގިރޭސިވިލާތައް ގެންދިޔުމަށް ޕެކިން ބަދަލުކުރުމަށްކަމަށް ފުލުހުން ބުނެއެވެ. އަދި މީ ވަރަށް ގިނަ މީހުން ވަޓްސް އަޕުން ވާހަކަދައްކައިގެން އޮޕަރޭޓް ކުރާ ނެޓްވޯކެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ އެހެން ގައުމަތަކާއި ވާހަކަ ދައްކާ އިންޓަޕޯލާއިވެސް ގުޅިގެންކަންވެސް ފުލުހުން ފާހަގަކުރިއެވެ.