
ދިވެހި ހާރިޖިއްޔާގެ ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިޔާން ވިދާޅުވީ، މި މައްސަލައަށް ރާއްޖެއިން ވަނުމަށް މަސައްކަތް ކުރަމުންދާއިރު، ގަތުލްއާންމު ހުއްޓުވުމުގެ މުއާހަދާގެ ދަށުން ޔަހޫދީން ޖަވާބުދާރީ ކުރުވުމަށް ކުރެވޭނެ ކަންކަން ބަލައި ދިރާސާކޮށްފައިވެއެވެ. އޮކްޓޯބަރު 1 ވަނަ ދުވަހު ނެދަލޭންޑްސްގެ ހޭގުގައި ހުންނަ އައިސީޖޭ އަށް ރާއްޖެއިން ލިޔެކިޔުންތައް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ތަދައްހުލްވުމަށް ރާއްޖެއިން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުއެވެ. އަދި މައްސަލައިގައި ދިވެހިރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ދެއްވި ބަޔާނުގައި ގަތުލުޢާންމު ހުއްޓުވުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ގޮވާލައްވާފައިވާކަން ފާހަގަކުރެވެއެވެ. އަދި ޔަހޫދީން ޖަވާބުދާރީ ކުރުމަށް ދުނިޔެއަށް ގޮވާލައްވާފައިވެއެވެ.
ދިވެހި ސަރުކާރުން ފަލަސްތީނުގެ މައްސަލައިގައި އެކި މަންސަތަކުގައި މަސައްކަތް ކުރަމުންދާއިރު، ވަޒީރުންގެ ފެންވަރުގައި އަދި ހާރިޖިއްޔާގެ މަސައްކަތުގައި މި މައްސަލައާ ގުޅޭ ހުރިހާ މަންސައެއްގައި ދިވެހިރާއްޖެ ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގައި ދިވެހި ސަރުކާރުން އަބަދުވެސް ނަގަމުންދާ ސްޓޭންޑު ހިފަހައްޓަމުންދާކަން ދިވެހި ހާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.