ads
ފަލަސްތީންގެ ރައީސް މަހްްމޫދު އައްބާސް
އދގެ އެއްވެސް ހައްގަކުން އިޒުރޭލަށް ބައިއެޅިގެން ނުވާނެ: އައްބާސް
އދގެ އެއްވެސް ހައްގަކުން އިޒުރޭލަށް ބައިއެޅިގެން ނުވާނެ ކަމަށް ފަލަސްތީންގެ ރައީސް މަހްްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އިޒުރޭލަކީ އދއިން އެއްވެސް ހައިސިއްޔަތެއް ދޭ ވަރުގެ ގައުމެއް ނޫނެވެ. އިޒުރޭލުގެ ވެރިކަމަށް އަރައިފި ކޮންމެ މީހެއްގެ ދެއަތްތިލަ -- ފަލަސްތީންގެ ނިކަމެތިންގެ ލެއިން ތަތްތަޅުވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. 

އައްބާސް ވިދާޅުވީ އަރަބިންގެ ބިންތަކުގައި 600،000 އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރިކޮށްފައި ތިބި ކަމަށެވެ. މިއީ އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ހުޅަނގު ސަހަރާގައި ޔަހޫދީން ދިރިއުޅޭ އަދަދެވެ. ކާބަފައިންގެ ބިން އެނބުރި ލިބޭނެ ދުވަހެއްގައި އެތައް ހާސް ބަޔަކު ތިބި ކަމަށްވެސް ފަލަސްތީންގެ ރައީސް ވިދާޅުވި އެވެ. 

"އދގެ އެއްވެސް ހައްގަކުން އިޒުރޭލަށް ބައިއެޅިގެން ނުވާނެ..." އިޒުރޭލުން ފަލަސްތީންގެ ނިކަމެތިންގެ ހައްގުތައް ނިގުޅައިގަންނައިރު އދއިން ބަހެއް ނުބުނެ އޮންނަނީ ކީއްވެތޯ ސުވާލު ކުރައްވާ އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ހަގީގީ ވަޒަންވެރީންނާއި ދެކޮޅަށް، އެ ބިމުގައި އެއްވެސް ހައްގެއް ނެތް އިޒްރޭލުގެ ދައުލަތުން ގެންދަނީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. އެކަމާއި މުޅި ދުނިޔެހެން ދެކޮޅެވެ. ނަމަވެސް ހުޅަނގުގެ ވެރީންގެ ދެފުށް ދެގޮތް ޔަހޫދީ ސިޔާސަތުތަކުން އިޒްރޭލަށް މަދަދުދީ އެ މީހުންގެ ވެރީން ގެންދަނީ ފަލަސްތީނާ ދެކޮޅު ޖަރީމާތައް ހުއްޓުމެއް ނެތި ހިންގަމުންނެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ގައުމުތަކުގެ ވެރީން ގެންދަވަނީ ތަގުރީރު ކުރައްވަމުންނެވެ. އިޒްރޭލްގެ ހަރުކަށި / އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މި ޖަލްސާގައި ވާހަކަ ދައްކާފަ އެވެ. ނަމަވެސް ތަގުރީރު ދޭން އޭނާ، އާންމު މަޖިލީހުގެ ޕޯޑިއަމްގެ ކައިރިއަށް އައުމުން ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުން ވަނީ ހޯލު ދޫކުރައްވާ ވަޑައިގެންފަ އެވެ. 

އދ. ގެ އާންމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިދިޔަ މެއި މަހު ވަނީ އދ. ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ވޯޓު ދީފަ އެެވެ. ނަމަވެސް އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވަނީ ވީޓޯގެ ބާރުގެ ބޭނުންކޮށް އެ ނިންމުން ފެއިލްކޮށްލައިފަ އެވެ.

އެގޮތަށް ކަންތައްވެފައި ވަނިކޮށް މި މަހުގެ ތެރޭގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކުން ނިންމާފައި ވަނީ އާންމު މަޖިލީހުން ފަލަސްތީނަށް ގޮނޑިއެއް ދޭށެވެ. އެކަމަކު މި ގޮނޑި ލިބުނު ކަމުގައި ވިިޔަސް އާންމު މަޖިލީހުގެ ނިންމުންތަކުގައި ވޯޓު ދިނުމާއި ސަލާމަތީ މަޖިލީހުގެ މެންބަރަކަށް ވުމުގެ ހައްގެއް ނުލިބެ އެވެ.

މި މަހުގެ 18 ގައި ވެސް އދ. ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނުގެ ބިންތަކުގެ އިޒްރޭލު އެއް އަހަރު ތެރޭ ފައިބަން ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.

2023 އޮކްޓޫބަރު 23ގައި ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ މިހާރު ވަނީ 41852އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 17800އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. 

އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް