ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުން ގާއިމް ކުރިތާ 52 އަހަރު ވެފައިވާއިރު، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ، ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ.
އަދި އެ ގުޅުމަކީ އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ، ދެ ގައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް، ދެމެހެއްޓެނި ތަރައްގީއަށް ރާއްޖެ ކުރަމުންދާ މަސައްކަތަށާއި، ސިޑްސް ގައުމުތަކުގެ ކުރިއެރުމަށް ރާއްޖެއިން އިސްވެ ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފަ އެވެ.
އަދި ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސްގެ އިތުރުން ވަޒީރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޗައިނާއާއެކު އޮތް ޒަމާންވީ ގުޅުން ބިނާވެފައި އޮތީ އިހުތިރާމާއި އިތުބާރާއި އެއް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ މައްޗަށް ކަމަށެވެ.
- އިތުރަށް ކިޔާލަން: ޗައިނާއާއެކު އޮތީ އިތުބާރުގެ ގުޅުމެއް، ކުރިމަގުގައި ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް
ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ޗައިނާ އިން މިހާތަނަށް ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތްކުރުމާއި ބައެއް ރަށްރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެ އެވެ. މިވަގުތު، ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.